Ahmed Looth shahid
Saturday, September 24, 2022
ބޭފުޅިޒަމް ނެތިގެންދާނީ ކޮންއިރަކުބާ ؟
Tuesday, January 4, 2022
ދިވެހި ޒުވާން ޖީލު - ފިކުރީ ހަނގުރާމައިގެ ކޮޅިގަނޑެއްގެ ދަށުގައި!
ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމުގައިވާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ވެސް މިވަނީ ފިކުރީ ހަނގުރާމައިގެ އަސަރު އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރާފައެވެ. އެގޮތުން ފިކުރީ ހަނގުރާއިގެ އަސަރުތައް އަޅުގަނޑުމެންގެ މުޖުތަމައަށް ނަޒަރު ހިންގާލުމުންވެސް ފެނިގެންދެއެވެ، ވަކިން ޚާއްސަކޮށް އަޅުގަނޑުމެން ގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންނަށް ނަޒަރު ހިންގައިލުމުންވެސް މިކަން އެނގި ހާމާވެގެންދެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި ފިކުރީ ހަނގުރާމައިގެ ސަބަބުން ކުރާ އަސަރުތައް ވަރަށްވެސް ބޮޑެވެ. ޣާފިލުކަންމަތީ ގަދަނިންޖެއްގައި ވަނިކޮށް، ފިކުރީ ހަނގުރާމައިގެ ކޮޅިގަނޑެއްގައި ޖެހި، ގައުމުގެ ކުރިމަގު ހަލާކުވެ ބަނަވަމުންދާ މަންޒަރު ލޮލަށް ފެނުމަކީ ގައުމުގެ ކުރިމަގާއިމެދު ކުޑަވެސް މިންވަރަކަށް ވިސްނާ މީހަކަށް ބަލަން ކެތްވާނެ މަންޒަރެއް ނޫނެވެ. ނަމަވެސް ހިތާމަޔަކީ، މިއަދު މި އޮތް ހާލަތު ބަދަލުކުރުމަށް މަސައްކަތެއްވެސް ކުރެވެމުން ނުދިޔުމެވެ.
އަޅުގަނޑުމެން މުސްލިމުންނަކީ އަޅުގަނޑުމެންގެ ދީނާއި ވަތަނުގެ ދިފާއުގައި ދުޝްމަނުންނާއި އަދުއްވުންނާއި ދެކޮޅަށް ހަނގުރާމަކޮށް، އެބައިމީހުންގެ މައްޗަށް ނަސްރާއި ކާމިޔާބު ހޯދި ބަޔަކީމުއެވެ. ނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ. މިއަދު އަޅުގަނޑުމެންނާއި ހަނގުރާމަ ކުރެވެނީ ކަނޑިބަޑިއަކުން ނޫނެވެ. އަޅުގަނޑުމެންނަށް ރޭކާވެސް ނުލާނެ ފަދައިން މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ބުއްދިއާއި ކުޅެލަނީއެވެ. މިއަދު އަޅުގަނޑުމެންގެ ލޯތަކުގެ ކުރިމަތީގި ކަނޑިބަޑީގެ ހަނގުރާމައެއް ހިނގަމުން ދާތަން ނުފެނުނެއް ކަމަކު ހަގީގަތަކީ އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ މައިދާނެއްގައި ކަމެވެ. ހަމަލާ އަންނާނީ ކޮންގޮތަކުން ކޮންދިމާލަކުން އަދި ކިހިނަކުން ކަމެއް ނޭނގެއެވެ. މިއީ، މިއަދު އަޅުގަނޑުމެންގެ ހާލަތެވެ. މިއަދުގެ ޒުވާން ޖީލު އުޅެ ބޮޑުވެފައިވަނީ ދުނިޔެ ފަންނިޔާތުގެ ރޮނގުން ކުރިއަރައިފައިވާ ދުވަސްވަރެއްގައެވެ. މި ޓެކްނޮލޮޖީގެ އެހީގައި އުފެދި ތައާރަފުވެގެން އައިސްފައިވާ އިޖުތިމާއި ވިޔުގަތަކަކުން ސަލާމަތްނުވެވި ހުދު އަޅުގަނޑުމެން މިވަނީ އޭގެ އަސީރުންނަށް ވެފައެވެ. އިސްވެ ނަންގަނެވުނު ފިކުރީ ހަނގުރާމައިގެ ހަމަލާތައް މިފަދަ ތަކެތިން ހުއްޓުމެއްނެތި އަންނަމުންދާއިރު އަޅުގަނޑުމެން މިތިބެނީ އާފިލުވެފައެވެ. މިފަލަ ހަމަލާތަކުގެ އަސަރު އަދުގެ ޒުވާން ޖީލށް ނަޒަރު ހިންގައިލުމުން ފެނިގެންދެއެވެ.
އެގޮތުން އެންމެ ބޮޑަށް އޭގެ ގެއްލުމެއް ލިބިގެންދަނީ އެކަމެއްގެ ސަބަބުން ޚާލިގުވަންތަ މާތް ﷲ ގެ ހަޒުރަތުގައި އަހަރަމެންގެ އަގު އުފުލިގެންދާ، އަޅުގަނޑުމެންގެ އީމާންތެރިކަމަށެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން އީމާންކަން ދަށްވެ އަޅުގަނޑުމެންނާއި މާތް ﷲ އާއި ދެމެދު އޮންނަ ގުޅުން މިވަނީ ހީނަރުވެފައެވެ. އޭގެ އާޚިރު ނަތީޖާއަކީ ކޮބައިތޯއެވެ؟ މިއަދު މި ޒުވާން ޖީލަށް ފެންނަފަދައިން، ފާފައެއް ކުރުމަކީ ޖެހިލުންވާ ކަމަކަށްވެސް ނުވެއެވެ. އަދި އެފާފަ މީސްތަކުންނަށް އެނގުމަކީ ކަންބޮޑުވާ ކަމަކަށްވެސް ނުވެއެވެ. ނަމަވެސް ރަސޫލާ (ސ) ގެ ހަދީސް ބަސްފުޅުތަކުން އެނގޭ ގޮތުގައި މުއުމިނުންނަށް ކުރެވޭ ފާފައެއް އެހެން މީހުންނަށް އެނގުމަށް ނޭދޭނެއެވެ. މިކަމަށް ނަޒަރު ހިންގައިލުމުންވެސް އަދުގެ ޒުވާން ޖީލުގެ ހާލަތަކީ ކޮބައިކަން ހިތަށް ތަސައްވަރު ކޮށްލެވޭނެއެވެ
އިސްލާމްދީނުގައި ޝަރުއުކުރައްވާފައި އޮންނަ ގޮތް ދޫކޮށް އަމިއްލަޔަށް އެކަން ބަދަލުކޮށްލައިގެން އުޅޭ ޒުވާނުންވެސް މަދެއްނޫނެވެ. ތިމާ ހިތުހުރި ގޮތަކަށް އުޅުމަކީ ތިމާއަށް ލިބިގެންވާ ހައްގެއްކަމަށް ބުނެ ތިމާއަށް ވަސްވާސްދޭނެ ޢައިރު މުސްލިމުންގެ ބައިގަނޑު އަބަދުވެސް އެ ވަސްވާސް ދިނުމުގައި ދެމިތިބޭ ހާލު، އަޅުގަނޑުމެންގެ ޒުވާނުން މި ވަސްވާސް ގަބޫލުކޮށް ތިމާ ހިތުހުރި ގޮތަކަށް ކަންކުރުމުގެ ޚިޔާލާއި ފިކުރު ގެންގުޅެން ފަށައެވެ، މީގެ ނަތީޖާ އަކީ ޒުވާނުންގެ އަދަދު ގިނަ، މި މުޖުތަމައުގައި ފާހިޝް އަމަލުތަކާއި މުންކަރާތްތައް އާންމުވެގެން ދިޔުމެވެ. މިކަން މިއީ އެްބަޔަކު ފާޅުގައި އަދި އަނެއްބަޔަކު ސިއްރުސިއްރުން ވަންހަނާކޮށްގެން ކުރާ ކަމެއްކަމުގައިވިޔަސް އަޅުގަނޑުމެންނަށް އެނގޭ ހަގީގަތަކީ ކުޅަދުންވަންތަ މާތް ﷲ ސުބްހާނަހޫ ވަތައަލާ އަށް މިކަންކަން ވަންހަނާވެގެން ނުވާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމުވެގެންދާފަދަ ކޯފާއެއް އައުން މީ ކިހައި ގާތުގައިވާ ކަމެއްކަން އަޅުގަނޑުމެންނަށް ނޭނގެއެވެ. މިކަން ކުރާމިހާގެ ގޯސްކަމާއި އެއްވަރަށް އެކަމެއް މަޖަލުގެ ގޮތުގައިވިޔަސް ނުވަތަ އެނޫން ސިފައެއްގައިވިޔަސް އެކަމަށް ވާގިވެރިވާ މިހާގެ ނުބައިކަންވެސް ބޮޑުކަން ދަންނަންޖެހެއެވެ. ނަމަވެސް އަދުގެ ޒުވާނުން ގިނަފަހަރު ހެދޭނެހެދޭ ހާލުގައި ތިބެ މިފަދަ ކަންކަމަށް ވާގިވެރިވާ މަންޒަރުވެސް މިވަނީ އާންމުވެފައެވެ. އިސްވެ ދެންނެވުނު ކަންތައްތަކުގެ އަސްލަކީ ހަމަ ފިކުރީ ހަނގުރާމައިގެ އަސަރުތައްކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
މިއީ މިއަދު އަޅުގަނޑުމެންގެ ޒުވާނުންގެ ހާލަތް ކަމުގައިވިޔަސް، ދެމިޔަލީ ކަނޑިޔެއްގެ ދެކޮޅުވެސް ތޫނުކޮށް އޮންނަފަދައިން، މިކަމުގައި ޖެހި ހަތަރުއުދަރެސް ބެދިފައިވާ ޒުވާނުންނެކޭ އެއްފަދައިން މިކަމަށް ހޭލުންތެރި އަދި މުޖުތަމައަށް ލޯހުޅުވިފައިވާ ޒުވާނުންވެސް ތިބިކަން ފާހަންގަކޮށްލަން ޖެހެއެވެ. މީހުން ބުނެއުޅޭތީ އަޑުއަހަމެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. އެބީދައިން މިކަމުގައި ކަންއޮތްގޮތަކީވެސް އެއީއެވެ. ފިކުރީ ހަނގުރާމައަކީ ކޯއްޗެއްކަން ދަނެގެން އޭގެ ނުރައްކާތެރިކަމުގެ އިތުރުން އެއިން ސަލާމަތްވެވެން އޮތް ގޮތްތައް ހޯދައި ބަލައި، ޒުވާނުން ހޭލުންތެރިވެ ތިބުމަކީ ނުހަނު ބޭނުންތެރި އަދި އެހާމެ މުހިންމު ކަމެކެވެ. މިއަދު ލޯކުރިމަތިން ދެ ރާސްތާއެއް ފެންނާން އެބައޮތެވެ. ތިމާ ދާނެ ރާސްތާއެއް އިޚުތިޔާރު ކުރުމަކީ ތިމާގެ އަމިއްލަ މަސްއޫލިއްޔަތެކެވެ. ރަނގަޅު ރާސްތާ ޚިޔާރު ކޮށްފިމީހަކަށް އޮތީ ފަލާހާއި ކާމިޔާބެވެ. ކަޝިޔާރު މަގުން ގޮސްފިމީހަކަށް އޮތީ ގެއްލުމާއި ހަލާކެވެ. ޢެހެންކަމުން، ރަނގަޅަށް ވިސްނައި ހޭލުންތެރިވެ ހުންނަ ހާލު މަގު އިހުތިޔާރު ކުރާށެވެ، ކާމިޔާބު ލިބޭނީ އޭރުންނެވެ.
Wednesday, November 24, 2021
ސުމުއްވުލް އަމީރު އިބްރާހިމު ނާސިރު ރަންނަބަނޑޭރި ކިލެގެފާނު
ސުމުއްވުލް އަމީރު އިބްރާހިމު ނާސިރު ރަންނަބަނޑޭރި ކިލެގެފާނު
ދިވެހިރާއްޖެގެ މިނިވަންކަމުގެ ބާނީ އަލްއަމީރު އިބްރާހިމް ނާސިރަކީ ދިވެހިންނަށް އައު ބޭފުޅެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ޖަލާލަތުލް މަލިކު ފަރީދުލް އައްވަލުގެ ރަސްކަމުގައި ހުންނެވި ދެވަނަ ވަޒީރުލް އައުޒަމެވެ. ޝައްކެއްވެސް ނެތެވެ، އެމަނިކުފާނު ވަނީ ދައުލަތުގެ އެކި މަގާމުތަކުގައި ހުރެމެ ދިވެހިރާއްޖެއަށް އެތަކެއް ގިނަގުނަ ޚިދުމަތްތަކެއްކޮށްދެއްވާފައެވެ. އިބްރާހީމް ނާސިރުގެ ހަޔާތަށް އަލިއަޅުވާލަމާ ހިނގާށެވެ.އިބްރާހިމް ނާސިރު ދުނިޔޭގެ އަލިިކަން ދެކެވަޑައިގަތީ 2 ސެޕްޓެމްބަރު 1926 ގައި ޏ.ފުވައްމުލަކަށެވެ. އެ މަނިކުފާނުގެ ބައްޕައަކީ ވެލާނާގެ އަޙުމަދު ދީދީއެވެ. މަންމައަކީ ފުވައްމުލަކު ނަޔާގެ އަޢިޝަތު ދީދީއެވެ. އިބްރާހީމް ނާސިރުު ތުއްޕުޅުއިރުގެ ދުވަސްތައްް ހޭދަކުރެއްވިި ފުވައްމުލަކުގައެވެ. އަދިި ފުވަައްމުލަކުގައި ހޭދަކުރެއްވި ދުވަސްތަކުގައި މަޝްހޫރުު ކަރައްޔަ އާއިލާގެ ބޭފުޅުުންގެ ގާތުން އުނގެނިވަޑައިގަތެވެ. ހަމައެެެހެންމެ އޭގެ ފަހުގައި މާލެ ވަޑައިގެެން މަދުރަސަތުލްްސަނިއެްޔާާއިންނާއި، ސިލޯނުގެެ ކޮޅުނބުުން ކިޔަވާވިދާޅުވިއެވެ. .އެމަނިކުފާނުގެ ބައްޕަ ފަރާތުން ޢާއިލާ ގުޅެނީ ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރެއްވި ދަރިކޮޅުކަމުގައިވާ އަދި އެދަރިކޮޅަކަށް ދޮންބަންޑާރައިން ނިސްބަތްވެވަޑައިގަންނަވާ އާދެ، ހުރާގޭ ރަަސްދަރިކޮޅާއެވެ. މަންމަ ފަރާތުން ޢާއިލާ ގުޅެނީ ހުރާ ދަރިކޮޅުގެ ކުރިން ރަސްކަންކުރެއްވި ދިޔަމިގިލީ ދަރިކޮޅުގެ ޣިޔާޡުއްދީން ރަދުންގެ ދަރިކޮޅާއިއެވެ. އަދި މަޝްޙޫރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ އިބްރާހިމްް ނާސިރުގެ ބައްޕަ ފަރާތު ކާފާފުޅެވެ.
ގިނަ ބޭފުޅުންނަށް އިބްރާހީމް ނާސިރު ސިފަކުރެވިފައިވަނީ ހަމައެކަނި ސިޔާސީ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތުމުގެ ކުރިން ސިފައިންގެ ބޭކަލެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާއަށް ޚިދުމަތްކުރައްވާފައެވެ. ހަމައެހެންމެ އެމަނިކުފާނުގެ ހިތުގައި އިންޖީނިއަރިންގަށް ވަނީ ވަރަށް ބޮޑު ޝަޢުގުވެރިކަމެއް އުފެދިފައެވެ. އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައި މުވާސަލާތީ ވަސީލަތްތަކާއި ޓީވީ އަދި ރޭޑިއޯގެ ޚިދުމަތްތަށް ތަޢާރަފު ކުރުމުގެ މަސައްކަތް އަމިއްލައަށް އިސްނަންގަވައިގެން ކުރެއްވި ބޭފުޅަކީ ޙުދު އިބްރާހީމް ނާސިރެވެ. މިކަމުންވެސް އެމަނިކުފާނުގެ ހިތުގައި އިންޖީނިއަރިންއަށާއި ޓެކްނޮލޮޖީއަށް އޮތް ޝައުޤާއި ލޯބި އެނގި ހާމަވެގެންދެއެވެ. އެގޮތުން އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އަތިރީ މާފަންނުގޭގައި ރޭޑިއޯ ޓުރާންސްމިޓަރު ތައްޔާރު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ. އަދި މިމަސައްކަތުގައި ޢަމަލީ ގޮތުން އެމަނިކުފާނުވަނީ ބައިވެރިވަޑައިގެންފައެވެ. ރޭޑިއޯ ތަޢާރަފު ކުރެއްވިތާ މާކަ ގިނަދުވަހެއްނުވެ ޓީވީ މޯލްޑިވްސް ވުޖޫދަށްއައެވެ. މިގޮތުން މިކަމުގެ ފަހަތުގައިވެސް ހުންނެވި މޭސްތިރިއަކީ ހަމަ އިބްރާހީމް ނާސިރެވެ. ޓީވީއެމް ވުޖޫދަށް ގެނައުމުގައި ނާސިރުގެ އިތުރުން އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ހ. ހިކަރީ ، އަޙުމަދު އާދަމްއެވެ. މީގެ އިތުރުންވެސް އަވަށްޓެރި ޤައުމުތަކުގައި ކުލަ ޓީވީ ތަޢާރަފުވެފައި ނުވާ ޒަމާނެއްގައި ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޤައުމެއްގައި ކުލަ ޓިވީގެ ޚިދުމަތް ދެވެން ފެށުމަކީ އެމަނިކުފާނުގެ ނަޒަރުގައި ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިކަންކުރެއްވުމުގައި އެމަނިކުފާނަށް އަދާކުރެއްވުނު ދައުރާއިމެދު ވަރަށް ބޮޑަށް ފަޚުރުވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއަކީ ބައިނަލްއަޤުވާމީ ގޮތުން އެހެން ޤައުމުތަކުގެމެދުގައި އެހައި މަޝްޙޫރު ޤައުމެއް ނޫނެވެ. ނަމަވެސް މިގޮތް ބަދަލުކުރެއްވީ އިބްރާހީމް ނާސިރުގެ ޒަޢާމަތުގައެވެ. އެގޮތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ މާކަ ގިނަ ދުވަހެއްނުވެ 21 ސެޕްޓެމްބަރ 1965ގައި ފުރަތަމަ ފަހަރަށް އ.ދ ގައި ދިވެހި ދިދަ ވިހުރުވާލިއެވެ. މީ އެމަނިކުފާނުގެ ވެރިކަމުގައި ޚާރިޖީ މަސައްކަތްތަކަށް ދެއްވި އަހައްމިއްޔަތުކަން ހާމަވެގެންދާ ހެއްކެކެވެ. އިބްރާހީމް ނާސިރުގެ މިނިންމެވުމަށް ދައުލަތުގެ ގިނަ ބޭބޭފުޅުންނާ ރައްޔިތުންގެ ތަރުހީބު ލިބިފައިވަނިކޮށް، 29 އޮކްޓޯބަރ 1965ގައި އިސްރާއީލާއި ޚާރިޖީ ގުޅުން ޤާއިމުކުރުން ވެގެންދިޔައީ އޭރުގެ ދައުލަތުގެ ގިނަ ބޭބޭފުޅުންނާއި ދީނީ ޢިލްމުވެރިންގެ ނުރުހުން ނާސިރަށް އަމާޒުވެގެންދިޔަކަމަކަށެވެ. އެގޮތުން އޭރު ހުންނެވި އުއްތަމަފަނޑިޔާރު މަނިކުފާނު އައްޝައިޚުލް އުސްތާޒު މުހައްމަދު ޖަމީލު ދީދީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވާ ޔަހޫދީންނާ އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫން ކަމަށް ވިދާޅުވެ ޝަރުޢިއްޔާ އިން ނެރޭ ޝުޢުލާ މަޖައްލާގައި ލިޔުއްވިއެވެ. އަދި މިކަންވެގެންދިޔައީ އޭރުގެ ބޮޑު ވަޒީރު އިބްރާހީމް ނާސިރު ހިތްޕުޅުހަމަޖެހިވަޑައިނުގަތް ކަމަކަށެވެ. ހަމައެއާއެކު 1967ވަނަ އަހަރު އަލްއުސްތާޒު މުޙައްމަދު ޖަމީލު ދީދީ އުއްތަމަފަނޑިޔާރު މަނިކުފާނުގެ މަޤާމުން އިސްތިއުފާ ދޭން ޖެހުނީ އެބޭފުޅާ އިސްރާއީލާ ދެކޮޅަށް ކެނޑިނޭޅި އަޑުއުފުލުމުގެ ސަބަބުން ކުރިމަތިވި ވަޑައިގަތް ފިއްތުންތަކުގެ ސަބަބުންނެވެ. ހަމައެހެންމެ ނާސިރުގެ މި ޚާރިޖީ ނިންމެވުމަށް މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގައި ކިޔަވަން ތިއްބެވި ދަރިވަރުން ކަމަށްވާ އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމާއި އަލްއުސްތާޒު ފަތުހު ﷲ ޖަމީލާއި އަދި ޑރ. މުޙައްމަދު ޒާހިރު ހުސައިން ފަދަ ބޭބޭފުޅުން ސަރުކާރުގެ މި ޚާރިޖީ ސިޔާސަތައް ނުރުހުން ފާޅުކުރެއްވެވިއެވެ. އެހެންކަމުން ވަޒީރުލް ޢަޢުޒަމް އިބްރާހީމް ނާސިރު އިސްރާއިލާއި ޚާރިޖީ ގުޅުން ބަދަހިކުރެއްވުން ވެގެންދިޔައީ އެމަނިކުފާނަށް ނިންމެވުނު އެންމެ ފުރިހަމަ ނިންމެވުމެއް ނޫންނޭ ދެންނެވިދާނެއެވެ.
އަދު ދިވެހިރާއްޖޭގެ ޢިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތަކީވެސް އިބްރާހީމް ނާސިރުގެ ރައީސް ކަމުގެ ދުވަސްވަރު 1972ގައި ތަޢާރަފުކުރި ސިނާޢަތެކެވެ. މިގޮތުން އޭރު ވިހަމާނަފުށީގައި ކުރުނބާ މޯލްޑިވްސްގެ ނަމުގައި 280 އެނދުގެ ރިސޯޓެއް ހެދިއެވެ. މި ރިސޯޓު ވުޖޫދަށް ގެނައުމުގައި މުޙައްމަދު އުމަރު މަނިކާއި ހުސައިން އަފީފް (ޗަމްޕާ) އަދި އަޙުމަދު ނަސީމުގެ ދައުރުވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން 1970ގެ އަހަރުތަށް ނިމުނުއިރު 17 ރިސޯޓު ހެދި މުޅިއަކު 1300 އެނދު މިސިނާޢަތަށް ޚާއްސަކުރެވުނެވެ. އެދުވަހަކަށް ވުރެ ދުވަހެއް މި ސިނާޢަތް ފުޅާވަމުން ގޮސް އޭރު ދިވެހިންގެ ޢިޤްތިޞާދުގެ މައި ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާއަށްވުރެ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާ އިތުރުވެ މަޑުމަޑުން ގޮސް ފަތުރުވެރިކަމުގެ ސިނާޢަތުގެ މައްޗަށް ދިވެހި ޢިޤްތިޞާދު ވަކި ހިއްޕާލިއެވެ. މިހެންކަމުން ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކުރެއްވި ބާނީއަކީ އިބްރާހީމް ނާސިރު ކަމާމެދު ޝައްކެއް ނެތެވެ.
އިބްރާހީމް ނާސިރުގެ ސިޔާސީ ޙަޔާތާއި އަދި އެމަނިކުފާނު ޤައުމަށް ކޮށްދެއްވެވި ޚިދުމަތްތަކާއި މެދު ގިނަ ގުނަ މަޢުލޫމާތުތަށް ލިބެން ހުއްޓެކަމަކު ނާސިރުގެ އަމިއްލަ ދިރިއުޅުއްވުމާއި މިޒާޖާއި މެދު ލިބެން ހުރީ ވަރަށް ވެސް ތަދު މަޢުލޫމާތުތަކެކެވެ. އެގޮތުން އާއްމު ރައްޔިތުންނަށް ނާސިރު ސިފަކުރެވެނީ ވަރަށްވެސް ސީރިއަސް އަދި ހަރުކަށި ބޭފުޅެއްގެ ގޮތުގައެވެ. މިސަބަބާހުރެ އެމަނިކުފާނުދެކެ ޖެހިލުންވާ މީހުންވެސް މަދެއް ނޫނެވެ. އާދޭހެވެ، ޙަޤީޤަތަކީވެސް އެއީއެވެ. ނާސިރުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޢާއްމު ރައްޔިތުންނަށް އެގޮތަށް ފެނުނެއް ކަމަކު އެބޭފުޅާއަކީ ގާތް ބޭފުޅުންނާއެކު ހީ ސަމާސާ ކުރައްވާ އުޅުއްވާ ބޭފުޅެކެވެ. އަދި ޢިޖުތިމާއީ ކަންކަމަށްވެސް ވަރަށް ސަމާލުކަން ދެއްވާ ބޭފުޅެކެވެ. ހަމަމިއާއެކު ވޮލީފަދަ ކުޅިވަރުތައް ވަރަށް ޝައުގުވެރިކަމާއިއެކު ކުޅުއްވިއެވެ. މީގެއިތުރުންވެސް މުނިފޫހިފިލުވުމަށްޓަކައި މަހަށް ގޮސް އުޅުއްވިކަން ފާހަގަކޮށްލެވެއެވެ. އަދި ތުއްޕުޅުއިރު ގުޑި އަރުއްވާވެސް އުޅުއްވިއެވެ. ނާސިރު ހެދުން ތުރުކުރައްވާ ގޮތަށް ބަލާލިނަމަހީވެސް ފެނިގެން ދަނީ އެމަނިކުފާނުގެ ހަރުދަނާ ޝަޚުސިއްޔަތެވެ. އެގޮތުން އަބަދުވެސް ހެދުން ތުރުކުރައްވަނީ ރަސްމީ ސިފައެއްގައެވެ. އެމަނިކުފާނަށް އެހެންމީހުން ޙުޝާމަތު ކުރުމަކީ އެހައި ގަޔާވާކަމެއް ނޫނެވެ. އަދި ކަންކަން އޮންނަ ގޮތަށް ތެދުބަހުން އެމަނިކުފާނު ގާތުގައި ވިދާޅުވުމުކީ އެ މަނިކުފާނު ވަރަށް ރުހިލައްވާ ސިފައެކެވެ. ހަމައެފަދައިން ކަންތައްތައް '' ޗެލެންޖެއްގެ '' ގޮތުގައި ނެންގެވުމަކީ އެމަނިކުފާނުގެ ކަށީގައި ހަރުލާފައިވާ ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި ކަންކަމާމެދު ވިސްނާ ފިކުރުކުރައްވާ،ދުރު ވިސްނިވަޑައިގަންނަވާ ބޭފުޅެކެވެ .
އާދޭހެވެ، ޝައްކެއް ވަސްވާހެއްވެސް ނެތް ގޮތުގައި ޞާޙިބުލް ފަޙާމާ ޞުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ 10 އަހަރު ދުވަހުގެ ޒަޢާމަތުގައި މި ކުޑަކުޑަ ދިވެހިރާއްޖެ އެތައްގޮތަކުން ކުރިއަރާ ތަރައްޤީވެގެން ދިޔައެވެ. އަދި އެމަނިކުފާނުގެ މި ޒަޢާމަތަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފާވާލެވިގެންދާނެފަދަ ޒަޢާމަތެއް ކަމާމެދު ޝައްކެއްވެސް ނެތެވެ. އިބްރާހީމް ނާސިރުގެ މި ދިގު ވެރިކަމަށް ނިމުމެއްއައީ 11 ނޮވެމްބަރ 1978ގައި އޭރުގެ ޓްރާންސްޕޯޓު މިނިސްޓަރ އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ދިވެހިރާއްޖޭގެ ރައީސް ކަމަށް ވަޑައިގަތް ހިސާބުންނެވެ. އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމެވުމަށްފަހު ރާއްޖެ ދޫކުރައްވާ ސިންގަޕޫރަށް ވަޑައިގަތެވެ. އަދި 2008 ގައި އެމަނިކުފާނު އަވަހާރަވުމާ ހަމައަށް ސިންގަޕޫރުގައި ހުންނެވިއެވެ. ސިންގަޕޫރުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ މައްޗަށް އެތަކެއް ތުހުމަތުތަކެއް ކުރެވި އެމަނިކުފާނުގެ ޢަޢިރު ޙާޒިރުގައި ޝަރީޢަތް ކުރެވުނެވެ. ނަމަވެސް އެ ތުހުމަތުތައް އެމަނިކުފާނުގެ މައްޗަށް ސާބިތެއްނުވިއެވެ. އަދި އެމަނިކުފާނު ޤައުމު ދޫކޮށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށްވެސް ރާވާ ހިންގުނެވެ. މިކަމުގައި އޭރު އޮތް ސަރުކާރުގެ ދައުރުވެސް ބޮޑުކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އާދެ، ދުނިޔޭގައި މާތްﷲ ލައްވާފައިވާ ކޮންމެ އެއްޗެއްވެސް ނެތި ފަނާވެދާ ފަދައިން 22 ނޮވެމްބަރ 2008 ސިންގަޕޫރުގެ މައުންޓް އެލިޒެބަތް ހޮސްޕިޓަލުގައި ޞާޙިބުލް ފަޙާމާ ޞުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ވަނީ މި ފަނާވަނިވި ދުނިޔެއިި ވަކިވެވަޑައިގެންފައެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅުން 82 އަހަރުފުޅެވެ. އެމަނިކުފާނު އަވަހާރަވީއިރު އަނބިކަނބަލަކާއި ދެ ދަރިކަލުންނާއި ދަރިކަނބަލަކު ދުނިޔޭގައި ތިއްބެވެ. އޭރުގެ ސަރުކާރުގެ ފަރާތުން އެމަނިކުފާނުގެ ހަށިކޮޅު ސިންގަޕޫރުން ރާއްޖެ ގެނެވުނެވެ. އަދި 24 ނޮވެމްބަރ 2008ގައި އެމަނިކުފާނުގެ ހަށިކޮޅު ދިވެހި އަސްކަރިއްޔާގެ ރަސްމީ ޢިއްޒަތުގައި ހުކުރު މިސްކިތުގެ ގޯތިތެރޭގައި ފަސްދާނުވެޑުވުނެވެ. އެމަނިކުފާނު މިއަދު އަޅުގަނޑުމެންނާއި ވަކިވެ ދިޔައެއް ކަމަކު އެމަނިކުފާނު ހޯދައިދެއްވި މިނިވަންކަމުގެ ފޮނި މޭވާގެ ރަހަ އަބާދާއި އަބަދު އަޅުގަނޑުމެންގެ ޢަރު ތެރޭގައި ލާނެ ކަމާއިމެދު ޝައްކެއްނެތެވެ . އާދެ އަލްއުސްތާޛްް މުހަންމަދު ޖަމީލް ދީދި ހަައްދަވާފައިވާާ ޅެމުގައި ވާފަދައިންް " ދުނިޔެެ ދޫކޮށްފާ ދާއިރު އެންމެންނަށް ފެންނަ ފަށުގައި ފުނިޖަހާފައި ހުންނަ ފަސްކޮޅަކާއި ދެގާ ނޫނީ ނެތަސް އަދި ، އަގެއްްނެތް ޖިސްމުތައްް ދާދީ އަވަހަށް ނެތި ފަނާވެގެން ދިޔަޔަސް ތާއަބަދަށް ދެމިހުންނަ ޒިކުރާއަކަށް " ނިމުމެއް ނެތެވެ . އަޅުގަނޑުގެ ދުޢާއަކީ އެމަނިކުފާނުގެ ފުރާނުފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާ އަބަދުގެ އަބަދަށް މާތްﷲ ތަނަވަސް ރަޙުމަތުގައި ލެއްވުމެވެ.
ލިޔުނީ ✍️ : އަޙުމަދު ލޫޠު ޝާހިދު
ޓައިޕިން/ޕްރޫފްރީޑިން : މުހައްމަދު ޝަމޫލް
Thursday, October 7, 2021
ޤައުމީ ދުވަސް
އާދެ ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަސް ފާހަނގަ ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ ދިވެހިން ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްވެ، ފުރިހަމަ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދިވެހިންނަށް އަނބުރާ ލިބިގެންދިޔަ ދުވަހެވެ. މި ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޭފުޅަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި އައްސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދިއްތަ މަހާރަދުންނެވެ. މިފަދަ ދުވަސްތައް ވާންޖެހެނީ އެދުވަހެއްގައި އެ އަބްތާލުންގެ ޒިކުރާ އާކޮށް ދިރުވަން ޖެހޭ މުނާސަބާއަކަށެވެ. އުތީމު މުހަންމަދު ތަކުރުފާނު ދިވެހީ ގައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ޒިކުރާ އާކޮށް އެއިން އިބުރަތް ލިބިގަންނަންވީ ދުވަހަކަށެވެ. މިވާހަކަތައް އަޅުގަނޑުމެންގެ ދަރިންނާއި ޒުވާން ޖީލުތަކަށް މި ވާހަކަތައް ކިޔައިދޭ ދުވަހަކަށެވެ. އެގޮތުން ބަލާއިރު ދިވެހިރާއްޖޭގައި އެންމެ ފުރަތަަމަ ގައުމީ ދުވަހެއް ފާހަނގަ ކުރެވިގެންދިޔައީ 4 ފެބްރުއަރީ 1946 ގައެވެ. އެއީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަހެވެ. އެހެންކަމަށްވުމާއިއެކު މިއަދު މި ފާހަނގަކުރާ ގައުމީ ދުވަސް ވެގެންދާނީ ދިވެހިރާއްޖޭގައި ފާހަނގަ ކުރެވޭ 75 ވަނަ މިނިވަންދުަވަހަށެވެ.
އާދެ މިއަދު ގައުމީ ދުވަސް ފާހަގަކުރާއިރު ،ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށައް ދިޔަ ގޮތަށް އަލިއަޅުވާލަމާތޯއެވެ. އެގޮތުން މި މަރުހަލާ ފެށިގެންދަނީ ، ހިލާލީ ދަރިކޮޅުގެ ރަސްކަލެއް ކަމަށްވާ 9 ވަނަ ހަސަން ރަސްގެފާނު ރާއްޖެ ދޫކުރައްވައި އިންޑިޔާގެ ގޯއާއަށް ވަޑައިގަތް ހިސާބުންނެވެ. އެގޮތުން އިންޑިޔާގެ ގޯވާއަށް ވަޑައިގެން އިސްލާމް ދީނާ ދޫކުރައްވައި ، ނަސާރާ ދީނަށް ވަދެވަޑައިގަތެވެ. އެދުވަސްވަރު ދިވެހިރާއްޖޭގެ ސިންގާސަނާ ތަޚުތުގައި ރެދަލިކުރައްވަމުން ގެންދެވީ އައްސުލްޠާން އަލީ (6) ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެގޮތުން މި ރަސްގެފާނުގެ ރަސްކަމަށް 2 މަސްވީތަނާހެން ޕޯޗުގީޒުންގެ ހަނގުރާމަ މަތީ ގުރާބެއް ރާއްޖެ އައެވެ. ރާއްޖޭގެ އައިސް ވެރިރަށް ފުރަމާލެއާއި ގާތްކޮށް ރާއްޖެއަށް އިސްވެ ހަމާލާދޭން ފެށިއެވެ. އެންމެ ފުރަތަމަ ހަމަލާތައް ބަދަލުކުރެވެމުން ދިޔައީ ބަނދަރުމަތީގައި ތިބެ ، ބޮޑުބަޑި ބޭނުންކޮށްގެންނެވެ. މި ގުރާބު ނުވަތަ ލަޝްކަރުގެ ކޮމާންޑަރަކަށް ހުރީ ދިވެހި ތާރީޚުގައި ނަން މަޝްހޫރު އަނދިރި އަނދިރިންނެވެ.
ހަނގުރާމައިގެ މި ނުތަނަވަސް ދަނޑިވަޅުގައި ، ދިވެހިންގެ ތެރެއިން ގައުމަށް ޚިޔާނާތްތެރިވި ޣައްދާރުންގެ ސަބަބުން ދުޝްމަނުންނަށް ވެރިރަށް މާލެ އެރުމުގެ ފުރުޞަތު ފަހިވެގެން ދިޔަ އެވެ. އެގޮތުން އެއްރެއެއްގެ ފަތިސް ވަގުތު ބަޑިތަކާއި ސިލޭހަތަށް ހިފައިގެން ދުޝްމަނުން މާލޭގެ ހުޅަނގު ފަރާތަށް ފޭބިއެވެ. އަދި މި ދުޝްމަނުންގެ ލަޝްކަރާއި ކުރިމަތިލެއްވުމަށް އަލިރަސްގެފާނާއި އެރަދުންގެ ލަޝްކަރު ވަޑައިގަތެވެ. ނަމަވެސް އެރަދުންގެ ލަޝްކަރުގެ ބޮޑުބައި ފިލައިގެން ދިޔައީއެވެ. ނަމަވެސް ފަސްޖެހުމެއްނެތި ދެންތިއްބެވި މަދު މީސްކޮޅަކާއިއެކު ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވާ ދިވެހި ގައުމަށްޓަކައި ލެއިން ގުރުބާންވި ވަޑައިގެންނެވި އެވެ. މި ހާދިސާ ހިނގައިދިޔައީ ހިޖުރައިން 965 ވަނައަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހުގައެވެ.
ޕޯޗުގީޒުންގެ ވަކިތަކުގެ ދަންތުރާގައި ދިވެހިރާއްޖެ ޖެހުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ވެރިކަމުގެ ދަހިވެތިކަމުގައި، ރަސްކަމުގެ ކޮއިލުތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެ ދޫކޮށް އިންޑިޔާގެ ގޯއާއަށް ވަޑައިގެން ހުންނެވި 9 ވަނަ ހަސަން ރަސްގެފާނު ، ރަސްކަން ހޯދުމަށްޓަކައި ޕޯޗުގީޒުންގެ އެހީތެރިކަމަށް އެދިވަޑައިގެންނެވުމުންނެވެ. އަދި ޕޯޗުގީޒުންނަށް މި ފުރުސަތު ވީ އެބައިމީހުންގެ ނުފޫޒާއި އާރާއި ބާރު މި ސަރަހައްދުގައި ވަކިިހިތްޕާލުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ. އެގޮތުގެ މަތީން ޕޯޗުގީޒުން ރާއްޖެ އަރައި 15 އަހަރާއި 6 މަސް ދުވަހުގެ އަނިޔާވެރި ޚުދުމުހުތާރު ވެރިކަމެއް ދިވެހިންގެ މައްޗަށް ކުރިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ކޮންމެ ފަހަރަކުމެ މިފަދަ ކަމެއްގެ ފަހަތުގައިވަނީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ލޭހިނގާ ދިވެހި ދަރިއެއްކަން ދިވެހި ތާރީޚު ހެކި ދެއެވެ. ހަމައެހެންމެ މިފަދަ ކޮންމެ އުދުވާނަކުން ނުވަތަ އަޅުވެތިކަމަކުން ސަލާމަތްކޮށްދެނީވެސް ގައުމުދެކެ ލޯބިވާ ދިވެހި ދަރިއެއްކަން ވެސް ދިވެހިތާރީޚުން ހާމަވެގެންދެއެވެ. މި ހާދިސާގައިވެސް ކަންހިނގައިދިޔައީ ހަމަ މި ބީދައިންނެވެ. " ކަނޑުގެ ބާޒުން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ފުށެތިކާލުން ނުވަތަ ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކޮށްދެއްވީ ގައުމުދެކެ ލޯބިވި ދިވެހި ލޭހިނގާ އެފަދަ ދެވަނައެއްނުވާ އައްސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދިއްތަ މަހާރަދުން ނުވަތަ " ބޮޑުތަކުރުފާނެވެ". ތާރީޚު ދިރާސާކުރައްވާ ބޭފުޅުން، ޕޯޗުގީޒުންގެ އެ އަނިޔާވެރި ވެރިކަން ސިފަކުރައްވަނީ " ދިވެހި ކަނޑުތައް ދިވެހިންގެ ލެއިން ރަތްވެގެންދިޔަ " ދުވަސްވަރެއްގެ ގޮތުގައެވެ. މި އަނިޔާވެރި ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމުގެ މަސައްކަތް ފެއްޓެވީ އުތީމު ޙުސައިން ޚަތީބު ތަކުރުފާނުގެ ދަރިކަލުން މުހަންމަދު ތަކުރުފާނު އިސްވެ ހުންނަވައި އަރިހުގައި ދެބެއިން ހަސަން ތަކުރުފާނާއި ޢަލި ތަކުރުފާނާއި ދެހާޖީންނެވެ. ޕޯޗުގީޒުންނާއި ދެކޮޅަށް މި ބޭފުޅުންނާއި މަދު މީސްކޮޅަކާއި އެކު ކުރެއްވި މި ވަރުގަދަ ޖިހާދަކީ ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު އެ ވާހަކަތައް ދައްކާނެ އަދި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެފަދަ މަސައްކަތްޕުޅެކެވެ.
ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމުގެ މަސައްކަތްޕުޅުގައި އެންމެ ފުރަތަމަ ކުރެއްވި ކަމަކީ "ކަޅުއޮށްފުންމި" އޮޑި ބެންނެވުމެވެ. އެގޮތުން ހއ. ބާރަށަށް ވަޑައިގެން އުތީމު މުހައްމަދު ތަކުރުފާނު އެރަށުގައި އެ އޮޑި ބެންނެވުމުގެ މަސައްކަތް ކުރެއްވި އެވެ. މި އޮޑީގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރައްވައި ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވަމުން އެބައިމީހުން ބަލިކުރައްވަމުން ގެންދެވިއެވެ. މި ދިގު އަދި އުނދަގޫ ދަތުރުގެ އެންމެ ފަހު މަންޒިލަކަށްވީ ވެރިރަށް މާލެއެވެ. އެއީ އޭރު ޕޯޗުގީޒުންގެ ވެރިކަން ރާއްޖޭގެ މައްޗަށް ހިންގަމުން އައި މައި ރަށެވެ. މިނިވަންކަމަށްޓަކައި މި ކުރެއްވި މަތިވެރި ޖިހާދުގައި ބޮޑުތަކުރުފާނަށް އެތަކެއް ހުރަސްތަކާއި ދިމާވެވަޑަިގެންނެވިއެވެ. އެގޮތުން އެއްބަފާ ބޭބޭފުޅު ޢަލިތަކުރުފާނު ޝަހީދުވެވަޑައިގަތުން ފާހަގަކޮށްލެވެއެވެ.
ބޮޑުތަކުރުފާނުގެ މި ދަތުރު ނިމިގެންދިޔައީ ފޮނި ކާމިޔާބީ އާއި އެކު ދިވެހިރާއްޖޭގެ މިނިވަންކަން އަނބުރައި ދިވެހިންނަށް ހޯއްދަވައި ދެއްވުމަށްފަހުގައެވެ. އެގޮތުން ،މީލާދީ ސަނަތުން 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ނުވަތަ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލް އައްވަލު މަހުގެ ފުރަދަންވަރުގެ ވަގުތު ބޮޑުތަކުރުފާނު ޖެއްސެވި އުންޑައިން އަނދިރި އަނދިރިން ގަތުލުވެ، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ސަލާމަތްވެ ، ދިވެހިންނަށް ސަލާމަތާއި ނަސްރާއި ކާމިޔާބު ލިބިގެންދިޔައެވެ. އެ ތާރީޚީ ހާދިސާ ހިނގިތާ މިއަދަށް މީލާދީގޮތުން 447 އަހަރުވެގެން ދިޔައީއެވެ.
އެއާއިއެކު ގައުމީ ދުވަހުގެ ގޮތުގައި މި ފާހަނގަ ކުރެވޭ ދުވަހުގެ ފަހަތުގައިވާ ހާދިސާތަކާއި ވާހަކަތަކަށް ބަލައިލުމުން ވެސް ފެނިގެންދަނީ ދިވެހިރާއްޖޭގެ ސިޔާދަތާއި ސަލާމަތާއި މިނިވަންކަމަށްޓަކައި އެ އަބްތާލުން ވެވަޑައިގަތް މަތިވެރި ގުރުބާނީއެވެ. މިއަދު އަޅުގަނޑުމެން މި ދުވަސް ފާހަގަކުރާއިރު އެބޭކަލުންގެ ޒިކުރާ އާކޮށް، އެބޭކަލުންގެ ކިބައިން ހިތްވަރު ލިބިގަންނަންޖެހެއެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ޖާނުން ގުރުބާންވާން ޖެހުނަސް ތައްޔާރަށް ތިބުމުގެ ޢަޒުމް ކަނޑައަޅަންޖެހެއެވެ. ހަމައެހެންމެ ގައުމު ތިބާއަށް ގޮވައިލާ ހިނދު އެކަމަށް އިޖާބަދޭން ފަސްނުޖެހި އެކަމަށް ތައްޔާރުވެގެން ތިބެންޖެހެއެވެ.އެއާއިއެކު މި މިނިވަންކަމުގެ ފޮނިމީރުކަން އަޅުގަނޑުމެން ލިބިގަންނަމުންދާހާލު އެއްބައިވަންތަކަމާއި އެކުވެރިކަން އިސްކޮށް ދިވެހީންގެ ހިތްތަކުގައި އޮތް ގައުމީ ލޯބި އިތުރުކުރަމާތޯއެވެ. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކި ، މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ އަބަދަށް ލަހައްޓަވައި ، އެ އަބްތާލުންގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަހްމަތް ލައްވަވައި ، ސުވަރުގޭގެ ތަނަވަސް ރަހްމަތުގައި ފުރާނަފުޅު ލެއްވެވުމެވެ. އާމިން.
ލިޔުނީ: އަޙްމަދު ލޫތު ޝާހިދު
Wednesday, February 10, 2021
ސ. ހުޅުދޫ މާލިމީގޭ މޫސާ މަނިކުފާނު (ތިނަދޫ މޫސާ ހިރިހަމައިދި ކަލޭފާނު)
ސ. ހުޅުދޫ މާލިމީގޭ މޫސާ މަނިކުފާނު (ތިނަދޫ މޫސާ ހިރިހަމައިދި ކަލޭފާނު)
މިއީ އަޅުގަނޑުގެ މަންމަ ފަރާތު މުނިމާމަ ސ. ހުޅުދޫ މަރިޔަމް މަނިކުފާނުގެ އެއްބަފާ ބޭބެ އަދި ހުވަދު އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ ސ. ހުޅުދޫ މާލިމީގޭ މޫސާ މަނިކުފާނާ ބެހޭގޮތުން ބައެއް މައުލޫމާތު ހިއްސާކޮށްލުމުގެ ގޮތުން ލިޔާ ލިޔުމެކެވެ. ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެފެފާނު ދިވެހި ސަރުކާރު ހިންގެވިއިރު މޫސާ ކަލޭފާނަށް ދިވެހި ދައުލަތުން ކަންގަތި ކޮލީގެ އިއްޒަތް އަރުވާފައިވާތީވެ، ފަހުން ބަދަލުވީ "މޫސާ ހިރިހަމައިދި ކަލޭފާނު" މި ނަމަށެވެ.
ހިރިހަމައިދި ކަލޭފާނުގެ ބައްޕަ އަކީ ސ. ހުޅުދޫ މާލިމީގޭ އަލި މަނިކުފާނު (މާލިމީގޭ ދޮންރަހާ)އެވެ. މަންމަ އަކީ ސ.ހުޅުދޫ ހަޖާމުގޭ މަރިޔަމް މަނިކުފާނެވެ. އުފަންވެވަޑައިގަތީ މީލާދީން 1901 ވަނަ އަހަރު އެވެ. ދަރިކޮޅަށް ބަލާއިރު އެއީ ހަތް ވަނަ އަލިރަސްގެފާނުގެ 10 ވަނަ ހަސަން ރަސްގެފާނުގެ އަލްއަމީރު އިބްރާހިމް މަނިކުފާނުގެ ހުސެއިން މަނިކުފާނުގެ ހުޅުދޫ ރަހާގެ ގައުމާތަގޭ ބޮޑޮ ރަހާގެ މާލިމީގޭ ދޮންރަހާގެ މޫސާ ހިރިހަމައިދި ކަލޭފާނު އެވެ.
ހުޅުދޫ އަށް އުފަން ހުޅުދޫ މީހަކަށްވީ ނަމަވެސް މީލާދީން 1934 ވަނަ އަހަރު ގދ. ހަވަރުތިނަދޫ އަށް ހިރިހަމައިދި ކަލޭފާނު ހިޖުރަކުރެއްވުމާ އެކު މަޝްހޫރުވެވަޑައިގަތީ ތިނަދޫ މީހެއްގެ ގޮތުގަ އެވެ. ތާރީހު ދިރާސާކުރައްވާ ބައެއް މީހުން ބުނާ ގޮތުގައި ތިނަދޫ އަށް ވަޑައިގަތީ ގުރުއާން މުދައްރިއްސެއްގެ ގޮތުންނެވެ. ހިރިހަމައިދި ކަލޭފާނަކީ ރީތި އަޑެއްގެ ވެރިއެއް ކަމާއި މަޚްރަޖަށް އަހުލުވެރި އަދި އަރަބި މައުލޫދު މާނަޔާއެކު އެނގިވަޑައިގަންނަވާ މީހެއް ކަމަށްވެ އެވެ.
ގދ މަޑަވެލީ އަލީ ނަސީރު ލިޔުއްވާފައިވާ ގޮތުގައި ހިރިހަމައިދި ކަލޭފާނު އެންމެ ފުރަތަމަ އާމްދަނީ ހޯއްދެވީ ކުދިންނަށް ގުރުއާން އުނގަންނައިދީގެންނެވެ. ފަހުން ރަށުގެ އަޝްރާފުންގެ ތެރޭގައި ހިމެނި، ހަގަޑިބައި ކޮމިޓީގައި ހިމެނިވަޑައިގަތް ކަމަށްވެ އެވެ. އެއީ ރައްޔިތުންގެ މައްސަލަތައް ހުށަހަޅައި، ފައިސަލާކުރާ ކޮމިޓީއެއް ކަމަށް އޭނާ ލިޔުއްވާފައިވައިވެ އެވެ.
އެއީ ހަވަރުތިނަދޫ އިން ހަވަރަށް ވާރު ދެއްކުމަށް ފައިސާ ހޯދަން ބޮޑެތި ފަޅުރަށްރަށް މީހުންނަށް ވަރުވާ އަށް ދީފައިވާ ދުވަސްވަރެކެވެ. އަލީ ނަސީރު ލިޔުއްވާފައިވާ ގޮތުގައި ގއ. ކޫއްޑޫގެ ވަރުވާ ނުދެއްކި ދެ އަހަރުވީ ފަހުން ކޮމިޓީއަށް ހުށަހެޅި ނިންމީ ހިރިހަމައިދި ކަލޭފާނުއާ އެ ރަށް ހަވާލުކުރުމަށް ކަމަށެވެ.
ހިރިހަމައިދި ކަލޭފާނުގެ މިލްކިއްޔާތުގައި އޭރު މަސް ދޯންޏާއި ފަޅުރަށްރަށް އޮވެ އެވެ. ކަލޭފާނަކީ އޭރު އަތޮޅުގެ އެންމެ ބޮޑު މަހުޖަނުގެ އިތުރުން މުޅި ރާއްޖެ އަށް ބެލިޔަސް އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނުނު މީހެކެވެ. އެހެންވެ އެ ދުވަސްވަރު ރާއްޖޭގެ އިގްތިސުގައި ކަލޭފާނުގެ ހިއްސާ ބޮޑެވެ.
ހިރިހަމައިދި ކަލޭފާނަކީ އާއްމު ރައްޔިތުންނަށް ވެސް އެހީވި މީހެކެވެ. އަލީ ނަސީރު ލިޔުއްވާފައިވާ އެއް ފަހަރު ދަތުރެއްގެ މަގުމަތީގައި ކ. ގިރާވަރުގައި އޮޑި ބަނދަރުކޮށް ހިރިހަމައިދި ކަލޭފާނު އެ ރަށަށް ފޭބިއިރު އެ ރަށުގައި ކާނެ އެއްވެސް އެއްޗެއް ނެތުމުން އެ ރަށުގެ ރައްޔިތުންނަށް އެއް މަހަށް ވާ ވަރަށް އެހީވި ކަމަށެވެ.
ހިރިހަމައިދި ކަލޭފާނު ވަނީ ހުވަދު އަތޮޅުވެރިކަން ކުރައްވައިފަ އެވެ. އަތޮޅުވެރިކަން ދެއްވީ 1953 ވަނަ އަހަރުގެ އޭޕްރިލް 17 ވަނަ ދުވަހު ހަވަރުތިނަދޫ ބޯޅަދަނޑުގައި އޮތް ޖަލްސާއެއްގައި އޭރުގެ ރައީސް އަމީން ދީދީ އެވެ.
އަމީން ދީދީ އާއި ހިރިހަމައިދި ކަލޭފާނާ އޮތީ ގާތް ގުޅުމެކެވެ. އަމީން ދީދީ އިސްކޮށް ހުންނަވައި އުފެއްދެވި ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ މުތަގައްދިމް ޕާޓީގެ ޖަލްސާ އަށް ކަލޭފާނު މާލެ ވަޑައިގަތެވެ. އަމީން ދީދީ ރައީސްކަމުގެ ހުވާ ކުރެއްވި ޖުމްހޫރީ ދަރުބާރުގެ ރަސްމިއްޔާތު ބޭއްވުމަށް ދާރުލްއުލޫމުގެ ސްޓޭޖް (މަޖީދިއްޔާ ސްކޫލް ހޯލް) ތައްޔާރުކުރެއްވުމަށް ހިރިހަމައިދި ކަލޭފާނީ އެހީވެދެއްވި ކަމަށްވެ އެވެ. ރާއްޖޭގެ ރަށްތައް ތަރައްގީކުރުމަށް މުހައްމަދު އަމީން ފެށްޓެވި ގައުމީ ތަރައްގީގެ ޕްލޭނުގެ މަސައްކަތްތަކަށް އެ މުޅި ހުވަދު އަތޮޅުން އެންމެ ބޮޑު ހޭދައެއް ކުރެއްވީ ވެސް ހިރިހަމައިދި ކަލޭފާނު ކަމަށްވެ އެވެ.
އަމީން ދީދީ އަށް ފަހު ރާއްޖޭގެ ވެރިކަމާ ދެން ހަވާލުވެވަޑައިގެންނެވި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރިކިލެފާނުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރުވެސް އަތޮޅުވެރިކަމުގެ މަގާމުގައި ވެސް ހުންނެވީ ކަލޭފާނޭވެ. އިނގިރޭސި ރާނީ ސްރީ ލަންކާ އަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ރާއްޖޭން ދިޔަ ވަފުދުގައި ފާމުލަދޭރިކިލެފާނާ އެކު ހިރިހަމައިދި ކަލޭފަނު ގެންދެވި އެވެ.
ހިރިހަމައިދި ކަލޭފާނު އަތޮޅުވެރިކަމުން ވަކިކުރެއްވީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި 1958 ގަ އެވެ.ހަވަރުތިނަދޫ ބަޣާވާތާ ގުޅިގެން ހިރިހަމައިދި ޖަލަށްލެވުނެވެ. އަވަހާރަވީ 1962 ވަނަ އަހަރުގެ ޖެނުއަރީ 13 އެވެ. ކަލޭފާނު ޖަލުގައި އަވަހާރަކޮށްލެވުނީ ކަމަށް ވެސް ބައެއް ތާރީހު އިލްމުވެރިން ވިދާޅުވެ އެވެ.
ހިރަހަމައިދި ކަލޭފާނުގެ އަނބިކަނބަލުންނަކީ ހަވަރުތިނަދޫ އައިމިނަތު އަބުދުއްރަހްމާން (ރެކިދިޔެ) އެވެ. ލިބިވަޑައިގެންނެވި ހަތް ބޭފުޅުންނަކީ އަބްދުﷲ މޫސާ (އަބުދުﷲ ކަތީބު) އާއި ސައީދު ކަތީބާއި އަބްދުމުޣުނީ އާއި އަބްދުލްމުހުސިން އަދި އައިމިނަތު ނަފީސާ އާއި ހައްވާ މޫސާ (ހައްވާމަނިކެ) އަދި ފާތުމަތު މޫސާ (ފާތުމާ މަނިކެ) އެވެ. މީގެ ތެރެއިން އަބްދުﷲ ކަތީބުގެ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ އާއި ރާއްޖެ އަށް ސިޔާސީ އިސްލާހީ ބަދަލުތައް ގެންނެވުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު ލަތީފް ލަތީފް (ގޯގޯ ލަތީފު) ހިމެނެ އެވެ.
:ލިޔުނީ
މުހަންމަދު ހަމްދޫން
އަހްމަދު ލޫތު ޝާހިދު
ނަސަބުގެ މައޫލޫމާތު: އަހުމަދު ނާސިހު/ ސ. މީދޫ
މައުލޫމާތު : އަހުމަދު އަލާ ދީދީ
މައުލޫމާތު:ޖުމްހޫރި ވެރިކަމާއި ހުވަދު އަތޮޅު (އަލީ ނަސީރު / ގދ. މަޑަވެލި)
Monday, November 16, 2020
ދިވެހިރާއްޖެ އިސްލާމްވުން
ދިވެހިރާއްޖެ އިސްލާމްވުން.
މާތް ﷲ ސުބްހާނަހޫ ވަތައާލާ އެންމެހައި މީސްތަކުން އުޅުމަށް އެންގެވި ދީންކަމުގައިވާ އިސްލާމް ދީނުގެ ހިދާޔާތް ދިވެހިރާއްޖެއަށް ލިބިގެންދިޔައީ ހިޖުރައިން 6ވަނަ ގަރުނު ނުވަތަ މީލާދީން 12 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. ރަސްމީކޮށް ދިވެހިރާއްޖެ އިސްލާމްވިކަމުގައި ބެލެވެނީ އެ ދުވަސްވަރު ރަސްކަމުގައި ހުންނެވި ރަދުން އިސްލާމްވި ދުވަހުގައެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާޚިރު މަހުގެ 2 ވަނަ ދުވަހެވެ. މީލާދި ސަނަތުން ބަލާކަމުގައިވަނީނަމަ، ޖޫން 1153 އެވެ.
ދިވެހިރާއްޖެއަށް އިސްލާމި ވަހްދަތު ފޯރުކޮށްދެއްވި ބޭކަލަކީ ކޮބައިތޯ ބަލާލާމާ ހިނގާށެވެ. ދިވެހިރާއްޖެއަށް އިސްލާމްދީން އެބޭކަލެއްގެ ފަރާތުން ފޯރާފައިވާ ބޭކަލަކީ މަޣްރިބުކަރައިގެ އިލްމުވެރިއެއް ކަމަށްވާ މައުލާނާ އަލްހާފިޠް އަބުލް ބަރަކާތު ޔޫސުފު އަލް ބަރުބަރީއެވެ. ދިވެހިރާއްޖޭގެ އިސްލާމް ކުރެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށް ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވެސް ވަނީ ލިޔުއްވާފައެވެ. މި ލިޔުއްވުން ބޮޑަށް ބަރޯސާވަނީ އިބްނު ބަތޫތާގެ ދަތުރުނާމާ އަށެވެ. ނަމަވެސް މަޝްހޫރު ތާރީޚު ލިޔުންތެރިޔާ ހަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާމް ކުރައްވާފައިވަނީ މައުލާނާ ޝަހިޚް ޔޫސުފް ޝަމްސުއްދީނު އައް ތަބްރޭޒީ / އަބުލް ބަރަކާތު ޔޫސުފު އަލް ތަބްރޭޒީ ކަމަށެވެ. ހަސަން ތާޖުއްދީނުގެ މި ލިޔުއްވުން ބޮޑަށް ބިނާވެފައި ވަނީ ހުކުރު މިސްކިތުގެ މިހުރާބުގޭގައި ހުރި ފިލަޔެއްގައި ލިޔެފައި އޮންނަ އޮތުމަށް ބިނާކޮށެވެ. އެހެންކަމުން، އަދިއަދަށް ދާންދެންވެސް ދިވެހިރާއްޖެ އިސްލާމް ކުރެއްވީ އަބުލް ބަރަކާތު ޔޫސުފު އަލް ބަރުބަރީތޯ ނުވަތަ އަބުލް ބަރަކާތު ޔޫސުފު އަލް ތަބްރޭޒީތޯ މީ ކުރެވޭ ބަހުސެކެވެ.
ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިވި ހާދިސާ ކަމުގައި ބެލެވޭ ރަންނަމާރި ހާދިސާ އަކީ އެ ހާދިސާއެއް އެންމެނަށް ވެސް އެނގޭ ހާދިސާއެކެވެ. ބޮޑަށް ބަރޯސާވެވޭ ގޮތުގައި ރަންނަމާރި ހާދިސާ އަކީ ފުލޯކު ވާހަކައެކެވެ. އެކި ގޮތްގޮތަށް ކިޔަދެވެމުން އައި ވާހަކަ އެކެވެ. އެހެންކަމުން އެވާހަކަ ދޫކޮށްލާނަމެވެ. ތާރީޚުތަކުން އެނގޭ ގޮތުގައި އަބުލް ބަރަކާތު ޔޫސުފު އަލް ބަރުބަރީ ރާއްޖެ ވަޑައިގަތީ ހިޖުރައިން 540 ވަނަ އަހަރުގެ ތެރޭގައެވެ. ދިވެހިރާއްޖޭގެ އިސްލާމްވެގެންދިޔައިރު ދިވެހިރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސިރީ ތްރިބުވަނަ އާދިއްތަ ބަވަނަ މަހާރަދުންނެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު އައްސުލްޠާން މުހައްމަދު ބިން އަބްދިﷲ އަށް ނަންފުޅު ބަދަލުކުރެއްވިއެވެ. އަދި މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަމުންނެވެ.
ދިވެހިރާއްޖެ އިސްލާމްވިކަމުގެ ރަމްޒެއްގޮތުގައި ބެލެވިފައިވާ ތަނަކީ މެދުޒިޔާރަތެވެ. މިތަނަށް މެދުޒިޔާރަތޭ ކިޔުނީ އޭރު މާލޭގެ ކުޑަބޮޑުމިނަށް ބަލާއިރު އެއީ މާލޭގެ މެދު ކަމުގައި ވާތީއެވެ. އެތަން ޚާއްސަ ވެގެންދާ ސަބަބަކީ އެތަނުގައި ދިވެހިރާއްޖެ އިސްލާމް ކުރެއްވި ބޭފުޅާ، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނު ލެވިފައިވާތިއެވެ. މިތަން މިހާރު އެ ހުރި ގޮތަށް ބިނާކުރެވިފައިވަނީ ޝަމްސުއްދީނުގެ ރަސްކަމުގައި ސުމުއްވުލްއަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ލަފާފުޅުގެ މަތިންނެވެ. އަދި 1957 ގައި މި ޒިޔާރަތަށް ނަދުރުބުނުން ވަނީ މަނާކޮށްފައެވެ
ދިވެހިރާއްޖޭގެ އިސްލާމީ ގައުމަކަށް ވެގެންދިޔައިރު ބައިވަރު ކަންތައްތަކެއް ބަދަލުވެގެން ދިޔައެވެ. އެގޮތުން ބުދުފައްޅިތައް ނެތި ގޮސް ، ދިވެހިންގެ ނަންތައް އިސްލާމީ ނަންތަކަށް ބަދަލުވެގެންދިޔައެވެ. އަދި މިސްކިތްތައް ބިނާކުރެވި،ޖަމާއަތުގައި ނަމާދުކުރުންފެށުނެވެ. އަދި މަޑުމަޑުން މުޅި ދިވެހިރާއްޖެއަށް އިސްލާމި ހިދާޔަތުގެ އަލި ފޯރިއެވެ
ލިޔުނީ : އަޙްމަދު ލޫޠް ށާހިދު
މައުލޫމާތު:
- އިބްނު ބަތޫތާގެ ދަތުރުނާމާ
- ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ
- ހަސަން ތާޖުއްދީނުގެ ލިޔުއްވުންތައް
- މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ލިޔުއްވުންތައް
- ގައުމީ ކުތުބުޚާނާގެ ފައިލް (ރާއްޖެ އިސްލާމްވީ ދުވަސް)
Sunday, September 13, 2020
ކޮވިޑް 19 އާއި ދިވެހިން
- ~ނިމުނީ~
ބޭފުޅިޒަމް ނެތިގެންދާނީ ކޮންއިރަކުބާ ؟
އާދެ މީގެ ދެ ސާސްކަފު ކުރީން ހަނދުވަންހައިން ދިވެހިރާއްޖޭގެ ސިންގާސަނާ ތަޙުތަށް އެރި އިރު، ހުރާ ޚާންދާނުގެ ރަސްކަމަށް އޮއްސުނީ އައު ޖުމް...

-
ސުމުއްވުލް އަމީރު އިބްރާހިމު ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ދިވެހިރާއްޖެގެ މިނިވަންކަމުގެ ބާނީ އަލްއަމީރު އިބްރާހިމް ނާސިރަކީ ދިވެހިންނަށް...
-
އާދެ މީގެ ދެ ސާސްކަފު ކުރީން ހަނދުވަންހައިން ދިވެހިރާއްޖޭގެ ސިންގާސަނާ ތަޙުތަށް އެރި އިރު، ހުރާ ޚާންދާނުގެ ރަސްކަމަށް އޮއްސުނީ އައު ޖުމް...
-
އާދޭހެވެ! ފިކުރީ ހަނގުރާމައޭ ދެންނެވުމުން އޭގެ އަސްލު މާނަ އެނގޭ މީހަކު މަދުވާނެއެވެ ، ކަންވާނީވެސް އެހެންނޫންތޯއެވެ.އެކަމެއް ނޭނގުމެއްގެ ...