Saturday, September 24, 2022

ބޭފުޅިޒަމް ނެތިގެންދާނީ ކޮންއިރަކުބާ ؟

 

އާދެ މީގެ ދެ ސާސްކަފު ކުރީން ހަނދުވަންހައިން ދިވެހިރާއްޖޭގެ ސިންގާސަނާ ތަޙުތަށް އެރި އިރު، ހުރާ ޚާންދާނުގެ ރަސްކަމަށް އޮއްސުނީ އައު ޖުމްހޫރީ ހަޔާތަކަށް އަލިވިލެމުންނެވެ. ދެހާސް އެތައް އަހަރެއްގެ ތެރޭގައި މިދެންނެވި ސިންގާސަނާ ތަޚުތު އެކި ދަރިކޮޅުތަކުގެ އެކި ރަސްރަސްކަލުންނާއި ރަނިން  ފަޅުފިއްލަވަމުން ގެންދެވިއެވެ.  ދައުލަތުގެ ވަޒީރުންގެ ގޮތުގައި ކޮލިލެވިފައި ތިއްބެވި ކިލެގެއިން ތިއްބަވައެވެ. އަދި އޭގެ ދަށައް ކަންގަތި ކޮލީގެ ބޭފުޅުން ތިއްބެވިއެވެ.

ނަމަވެސް އެއީ އިއްޔެއެވެ. މިއީ މިއަދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އެވެ. ގައުމުގެ ވަލިއްޔުލް އަމުރަކީ ރައީސުލްޖުމްހޫރިއްޔާއެވެ.ކީރިތި މަހާރަދުން ތަޚުތުގައި އިންނެވި ޒަމާން ފަސްދީ ހިނގައި. އެޒަމާން މިވަނީ ތާރީހަށް ބަދަލުވެ،  އަޅުގަނޑުމެންގެ ފަޚުރުވެރި ދެވަނަ ޖުމްހޫރިއްޔާއަށް  ބައިގަރުނަށްވުރެ ގިނަ އަހަރު ވެއްޖެއެވެ. އެދުވަހުވެސް މިއަދުވެސް ދައްކަމުން މިދަނީ އެއް ވާހަކަތަކެވެ. އިޖުތިމާއީ ގޮތުން މީހުން ދަރަޖަކުރުން ނުވަތަ "ބޭފުޅިޒަމްނައްތާލާ ވާހަކައެވެ. ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ބޭފުޅިޒަމް ނައްތާލުމުގެ މަސައްކަތް ދެވަނަ ޖުމްހޫރިއްޔަތާއިއެކު ހަރުއަޑުން ފެއްޓެވިއެވެ. ނަމަވެސް އޭގޭ އެތައް އަހަރުތަކެއް ފަހުންވެސް އަޅުގަނޑުމެން ދައްކަމުން މިދާ ވާހަކައަކީ ބޭފުޅިޒަމް ނައްތާލުމަށް ހަދަންވީ ކޮން ސިހުރެއްތޯއެވެ؟


ޝައްކެއްވެސް ނެތްގޮތުގައި، މުޖުތަމައެއް އުފެދިގެން އަންނަނީ މުޖުތަމައުގެ ޒިންމާތައް އެކިއެކި ފަންތީގެ މީހުން އަދާކޮށް، އެކަކު އަނެކެއްގެ ޚިދުމަތުގައި ދެމިތިބެގެންނެވެ.އެގޮތުން އެއްބަޔަކު އަދާކުރާ ޒިންމާއަކީ އަނެކާއަށްވުރެ ބޮޑު ޒިންމާއެއް އުފުލަންޖެހޭ އަދި އޭގައި އެހެނިހެން ކަންތައްތައްވެސް އެކުލެވޭ ޒިންމާއަކަށްވެސް ވެދާނެއެވެ. މުޖުތަމައުގެ ވެރިބަޔަކަށްތިބޭ މީހުންނަކީ މިފަދަ ބަޔެކެވެ. އަދި މުޖުތަމައު ނޫން މުޅި އުންމަތަށް ނުވަތަ ގައުމަކަށް ބަލާއިރުވެސް އެ ޒިންމާ އެއްބަޔަކު އުފުލަމުން ގެންދެއެވެ. ނަމަވެސް ކުރެވޭ ސުވާލަކީ މި ޒިންމާ ބަޔަކު އަދާކުރީތީ އެ އއައުލާދަށް އެތައް އަހަރުތަކަކަށް ދެމިގެންދާ އިމްތިޔާޒުތަކެއް ލިބެންޖެހޭބާވައެވެ. މީގެ ކުރީގެ ގަދީމީ ހަޞާރަތްތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ އިޖުތިމާއީގޮތުން އެކި އެކި ފަންނތިތައް ހިމެނި އެކުލެވިގެންވާ ހަޞާރާތްތަކެވެ. އެ ހަޞާރަތެއްގެ އިސްވެރިންނާއ ހިންގަން ތިބީންނާއި މިހެންގޮސް އެކިއެކި ފަންތިތަކުގެ މީސްމީހުނެވެ. މިއީ ހަޞާރަތެއްގެ ސިފައަކަށްވާއިރު، 21 ވަނަ ގަރުނަށް ދުނިޔެ އަލިވިލުނުހެން ހަމަހަމަކަމާއި މިންތީގެ ތަފާތުކުރުމުގެ އަޑު ކެނޑިނޭޅި މިދަނީ އިވެމުންނެވެ. އެއާއެކު މި ފެށިގެންދިޔަ ގަރުނާއިއެކު މިދެންނެވި ހަޞާރަތުގެ ސިފަތަކަށް
ހަލި ބަދަލުތަކެއް ދަނީ އަންނަމުންނެވެ
.
އިސްވެ ދެންނެވުނު ބޭފުޅިޒަމް އުވުމުގެ މަސައްކަތް ފެށުނީ އިއްޔެއަކު މިއަދަކު ނޫނެވެ. މިކަމަށް ހަގީގަތުގައި މަގުކޮށާލެވުނު
 އެއްކަމަކީ 1940 ގެ އަހަރުތަކުގައި ހަސަން ފަރީދު ދީދީ ބޮޑުގަނޑުވަރު ފިޔަވައި އެހެން ހުރިހައި ގަނޑޫވަރުތަކެއް އުވާލައްވައި، އެ ގަނޑުވަރުތަކުގެ ނަން ގޭގެއަށް ބަދަލުކުރެއްވި ހިސާބުންނެވެ. އަދި އޭގެ ފަހުގައި މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ
 ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރުން ވެގެންދިޔައީ މިކަމަށް ހުޅުވާލެވުނު ދޮރަކަށެވެ. ނަމަވެސް 1954ގައި އަލުން ރަސްކަން
 އިއާދަވުމާއިއެކު އެދޮރު ހުޅުވުނު ބާރުމިނާއެކު ލެއްޕިގެން ދިޔައެވެ. ދެން އޭގެ ފަހުގައި ވަޑައިގަތް ރަދުން މުހަންމަދު ފަރީދުލް އައްވަލުވެސް ބޭފުޅިޒަމްގެ އާދަކާދަތއް ނައްތައިލެވޭތޯ މަސައްކަތް ކުރެއްވިއެވެ. އަދި އޭގެ ފަހުގައި އައި ދިމިގުރާތީ ނިޒާމާއިއެކު
 ރަށްރަށުގައި އޮތް "ކަތީބު ސިސްޓަމް"  އުވި، ރަށު ކައުންސިލްތައް ތައާރަފުވުމާއިއެކު ރަށްރަށުގައި ކުރިން އާއިލީ ވާރުތައިން އޮތް ޚަތީބުކަންވެސް އުވި، ރަށްރަށުގައި ވަކި އާއިލާތަކަށް އޮތް ވެރިކަމުގައި ސިއްކަޖެހުނެވެ.
  މިހެންގޮސް ރަސްކަމުގެ ޒަމާން މާޒީވެ ،އާއިލީ ވެރިކަންތަކުގެ ސިލްސިލާތައް ނިމުމަކަށް އައިކަމުގައި ވީނަމަވެސް މިހުރިހައި ކަމެއްގެ އަސަރުތައް މުޅިއަކުން ފިލައިގެން ނުދެއެވެ. އެކި ދުވަސްވަރު އެކި ބޭފުޅުންގެ މަސައްކަތުން ބޭފުޅިޒަމް ނައްތައިލުމުގެ މަސައްކަތް ކުރިކަމުގައި ވީނަމަވެސް މުޅިއަކުން އެކަމެއް ނައްތައިނުލެވޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ކަންވާނީވެސް އެހެންނޫންތޯއެވެ. މީގެ އެތއް އަހަރެއް ކުރީގެ ވިރާސީ ރަސްކަމާއި ގުޅިފައިވީ އަސަރުތައް ދިރިގެންވާ ސިފައިގައި އެވަނީއެވެ. ނަންތަކުންގޮސް ނުފިލި އާއިލީ އާރާއި ބާރުތަކާއި ނުފޫޒުތައް އެހުރީ ފެންނާށެވެ.
 ފަލީލަތުއްޝައިޙް ހުސައިން ސަލާހުއްދީން"އަލް އަދަބު" މި ޅެމުގައި ވިދާޅުވެފައިވާ ފަދައިން ވިމާ މޮޅު ނަސަބަކުން އަޔަތީ ތިމާމެން ކިބުރުވެރި މިވަނީ ރިމާދަށް ފުރޮޅިގެން އެދަނީ ދިމާއަށް އަގުރު އަލިފާނެވެ. އެހެނީ ވަކި ނަސަބަކުން ނުވަތަ ދަރިކޮޅަކުން އަޔަތީ ބޮޑާވެ ކިބުރުވެރިވާ ކިބުރުވެރިކަމަށް ވާގޮތަކީ އަނގުރު އަލިފާނަށް ވާހެން ހަމަ ހުލިވެގެން ދަނީއެވެ. އަދި އަނދައި ހުލިޔަށް ވަނީއެވެ. މި ހުރިހައި ދަރަޖަކުރުމެއް ބާއްވާފައި ހަގީގަތަށް ބަލާލާއިރު އަހަރަމެން އެންމެންނަކީވެސް ޙާލިގުލް ކައުނައިނި އަރަހުށި މާތް ﷲ ގެ ހަޒުރަތުގައި ހަމަހަމަ ބަޔެކެވެ. ތަގުވާވެރިކަމުން މެނުވީ އެކަކު އަނެކެއްގެ މައްޗަށް މާތްކަމެއް ލިބިގެނެއް ނުވެއެވެ

 ބުނާތީ އަޑުއަހައި އުޅެމެވެ. ގިތެޔޮއެޅި ގުޅިޔަކުން ވަހެއް ނުފިލާނެއެވެ. ހަމައެބީދައިން ސާސްކަފެއްގެ ދިގު ރަސްކަމަކާއި އެ ވަންހަތަކުގެ އައުލާދުތަކުގެ ޒަމާންވީ ސަގާފަތްތައް ފޮއިދުވަހަކުން ފިލައިގެނެއް ނުދާނެއެވެ. މިބީދައިން އެފަދަ ޒަމާންވީ ކަމެއްގެ އަސަރުތއް މުޅިން ނެތިގެންދާން ބައިގަރުނުވެސް މަދުތާއެވެ. މިއަދު ޝާހި ބޭފުޅިޒަމްގެ ވަކިތަކުން ސަލާމަތްވުމުގެ  މަލަމަތި ފެންނަމުންދާއިރު، "ރިޔާސީ ބޭފުޅިޒަމްގެ" ތޫނު ވަކިތައް  މިގައުމުގައި ހިއްޕާލަމުންދާ ހާލު "ބޭފުޅިޒަމް" މުޅިން އެކުއެކީ ނައްތައިލެވޭނެކަމަށް ދެކުމީ އަވާމެންދުރެއް ދުށުންފަދަ ކަމެކެވެ 
ފަލީލަތުއްޝައިޙް ހުސައިން ސަލާހުއްދީން"އަލް އަދަބު" މި ޅެމުގައި ވިދާޅުވެފައިވާ ފަދައިން ވިމާ މޮޅު ނަސަބަކުން އަޔަތީ ތިމާމެން ކިބުރުވެރި މިވަނީ ރިމާދަށް ފުރޮޅިގެން އެދަނީ ދިމާއަށް އަގުރު އަލިފާނެވެ. އެހެނީ ވަކި ނަސަބަކުން ނުވަތަ ދަރިކޮޅަކުން އަޔަތީ ބޮޑާވެ ކިބުރުވެރިވާ ކިބުރުވެރިކަމަށް ވާގޮތަކީ އަނގުރު އަލިފާނަށް ވާހެން ހަމަ ހުލިވެގެން ދަނީއެވެ. އަދި އަނދައި ހުލިޔަށް ވަނީއެވެ. މި ހުރިހައި ދަރަޖަކުރުމެއް ބާއްވާފައި ހަގީގަތަށް ބަލާލާއިރު އަހަރަމެން އެންމެންނަކީވެސް ޙާލިގުލް ކައުނައިނި އަރަހުށި މާތް ﷲ ގެ ހަޒުރަތުގައި ހަމަހަމަ ބަޔެކެވެ. ތަގުވާވެރިކަމުން މެނުވީ އެކަކު އަނެކެއްގެ މައްޗަށް މާތްކަމެއް ލިބިގެނެއް ނުވެއެވެ.

No comments:

Post a Comment

ބޭފުޅިޒަމް ނެތިގެންދާނީ ކޮންއިރަކުބާ ؟

  އާދެ  މީގެ ދެ ސާސްކަފު ކުރީން ހަނދުވަންހައިން ދިވެހިރާއްޖޭގެ ސިންގާސަނާ ތަޙުތަށް އެރި އިރު، ހުރާ ޚާންދާނުގެ  ރަސްކަމަށް އޮއްސުނީ އައު ޖުމް...