ސުމުއްވުލް އަމީރު އިބްރާހިމު ނާސިރު ރަންނަބަނޑޭރި ކިލެގެފާނު
ދިވެހިރާއްޖެގެ މިނިވަންކަމުގެ ބާނީ އަލްއަމީރު އިބްރާހިމް ނާސިރަކީ ދިވެހިންނަށް އައު ބޭފުޅެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ޖަލާލަތުލް މަލިކު ފަރީދުލް އައްވަލުގެ ރަސްކަމުގައި ހުންނެވި ދެވަނަ ވަޒީރުލް އައުޒަމެވެ. ޝައްކެއްވެސް ނެތެވެ، އެމަނިކުފާނު ވަނީ ދައުލަތުގެ އެކި މަގާމުތަކުގައި ހުރެމެ ދިވެހިރާއްޖެއަށް އެތަކެއް ގިނަގުނަ ޚިދުމަތްތަކެއްކޮށްދެއްވާފައެވެ. އިބްރާހީމް ނާސިރުގެ ހަޔާތަށް އަލިއަޅުވާލަމާ ހިނގާށެވެ.އިބްރާހިމް ނާސިރު ދުނިޔޭގެ އަލިިކަން ދެކެވަޑައިގަތީ 2 ސެޕްޓެމްބަރު 1926 ގައި ޏ.ފުވައްމުލަކަށެވެ. އެ މަނިކުފާނުގެ ބައްޕައަކީ ވެލާނާގެ އަޙުމަދު ދީދީއެވެ. މަންމައަކީ ފުވައްމުލަކު ނަޔާގެ އަޢިޝަތު ދީދީއެވެ. އިބްރާހީމް ނާސިރުު ތުއްޕުޅުއިރުގެ ދުވަސްތައްް ހޭދަކުރެއްވިި ފުވައްމުލަކުގައެވެ. އަދިި ފުވަައްމުލަކުގައި ހޭދަކުރެއްވި ދުވަސްތަކުގައި މަޝްހޫރުު ކަރައްޔަ އާއިލާގެ ބޭފުޅުުންގެ ގާތުން އުނގެނިވަޑައިގަތެވެ. ހަމައެެެހެންމެ އޭގެ ފަހުގައި މާލެ ވަޑައިގެެން މަދުރަސަތުލްްސަނިއެްޔާާއިންނާއި، ސިލޯނުގެެ ކޮޅުނބުުން ކިޔަވާވިދާޅުވިއެވެ. .އެމަނިކުފާނުގެ ބައްޕަ ފަރާތުން ޢާއިލާ ގުޅެނީ ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރެއްވި ދަރިކޮޅުކަމުގައިވާ އަދި އެދަރިކޮޅަކަށް ދޮންބަންޑާރައިން ނިސްބަތްވެވަޑައިގަންނަވާ އާދެ، ހުރާގޭ ރަަސްދަރިކޮޅާއެވެ. މަންމަ ފަރާތުން ޢާއިލާ ގުޅެނީ ހުރާ ދަރިކޮޅުގެ ކުރިން ރަސްކަންކުރެއްވި ދިޔަމިގިލީ ދަރިކޮޅުގެ ޣިޔާޡުއްދީން ރަދުންގެ ދަރިކޮޅާއިއެވެ. އަދި މަޝްޙޫރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ އިބްރާހިމްް ނާސިރުގެ ބައްޕަ ފަރާތު ކާފާފުޅެވެ.
ގިނަ ބޭފުޅުންނަށް އިބްރާހީމް ނާސިރު ސިފަކުރެވިފައިވަނީ ހަމައެކަނި ސިޔާސީ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތުމުގެ ކުރިން ސިފައިންގެ ބޭކަލެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާއަށް ޚިދުމަތްކުރައްވާފައެވެ. ހަމައެހެންމެ އެމަނިކުފާނުގެ ހިތުގައި އިންޖީނިއަރިންގަށް ވަނީ ވަރަށް ބޮޑު ޝަޢުގުވެރިކަމެއް އުފެދިފައެވެ. އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައި މުވާސަލާތީ ވަސީލަތްތަކާއި ޓީވީ އަދި ރޭޑިއޯގެ ޚިދުމަތްތަށް ތަޢާރަފު ކުރުމުގެ މަސައްކަތް އަމިއްލައަށް އިސްނަންގަވައިގެން ކުރެއްވި ބޭފުޅަކީ ޙުދު އިބްރާހީމް ނާސިރެވެ. މިކަމުންވެސް އެމަނިކުފާނުގެ ހިތުގައި އިންޖީނިއަރިންއަށާއި ޓެކްނޮލޮޖީއަށް އޮތް ޝައުޤާއި ލޯބި އެނގި ހާމަވެގެންދެއެވެ. އެގޮތުން އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އަތިރީ މާފަންނުގޭގައި ރޭޑިއޯ ޓުރާންސްމިޓަރު ތައްޔާރު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ. އަދި މިމަސައްކަތުގައި ޢަމަލީ ގޮތުން އެމަނިކުފާނުވަނީ ބައިވެރިވަޑައިގެންފައެވެ. ރޭޑިއޯ ތަޢާރަފު ކުރެއްވިތާ މާކަ ގިނަދުވަހެއްނުވެ ޓީވީ މޯލްޑިވްސް ވުޖޫދަށްއައެވެ. މިގޮތުން މިކަމުގެ ފަހަތުގައިވެސް ހުންނެވި މޭސްތިރިއަކީ ހަމަ އިބްރާހީމް ނާސިރެވެ. ޓީވީއެމް ވުޖޫދަށް ގެނައުމުގައި ނާސިރުގެ އިތުރުން އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ހ. ހިކަރީ ، އަޙުމަދު އާދަމްއެވެ. މީގެ އިތުރުންވެސް އަވަށްޓެރި ޤައުމުތަކުގައި ކުލަ ޓީވީ ތަޢާރަފުވެފައި ނުވާ ޒަމާނެއްގައި ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޤައުމެއްގައި ކުލަ ޓިވީގެ ޚިދުމަތް ދެވެން ފެށުމަކީ އެމަނިކުފާނުގެ ނަޒަރުގައި ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިކަންކުރެއްވުމުގައި އެމަނިކުފާނަށް އަދާކުރެއްވުނު ދައުރާއިމެދު ވަރަށް ބޮޑަށް ފަޚުރުވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއަކީ ބައިނަލްއަޤުވާމީ ގޮތުން އެހެން ޤައުމުތަކުގެމެދުގައި އެހައި މަޝްޙޫރު ޤައުމެއް ނޫނެވެ. ނަމަވެސް މިގޮތް ބަދަލުކުރެއްވީ އިބްރާހީމް ނާސިރުގެ ޒަޢާމަތުގައެވެ. އެގޮތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ މާކަ ގިނަ ދުވަހެއްނުވެ 21 ސެޕްޓެމްބަރ 1965ގައި ފުރަތަމަ ފަހަރަށް އ.ދ ގައި ދިވެހި ދިދަ ވިހުރުވާލިއެވެ. މީ އެމަނިކުފާނުގެ ވެރިކަމުގައި ޚާރިޖީ މަސައްކަތްތަކަށް ދެއްވި އަހައްމިއްޔަތުކަން ހާމަވެގެންދާ ހެއްކެކެވެ. އިބްރާހީމް ނާސިރުގެ މިނިންމެވުމަށް ދައުލަތުގެ ގިނަ ބޭބޭފުޅުންނާ ރައްޔިތުންގެ ތަރުހީބު ލިބިފައިވަނިކޮށް، 29 އޮކްޓޯބަރ 1965ގައި އިސްރާއީލާއި ޚާރިޖީ ގުޅުން ޤާއިމުކުރުން ވެގެންދިޔައީ އޭރުގެ ދައުލަތުގެ ގިނަ ބޭބޭފުޅުންނާއި ދީނީ ޢިލްމުވެރިންގެ ނުރުހުން ނާސިރަށް އަމާޒުވެގެންދިޔަކަމަކަށެވެ. އެގޮތުން އޭރު ހުންނެވި އުއްތަމަފަނޑިޔާރު މަނިކުފާނު އައްޝައިޚުލް އުސްތާޒު މުހައްމަދު ޖަމީލު ދީދީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވާ ޔަހޫދީންނާ އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫން ކަމަށް ވިދާޅުވެ ޝަރުޢިއްޔާ އިން ނެރޭ ޝުޢުލާ މަޖައްލާގައި ލިޔުއްވިއެވެ. އަދި މިކަންވެގެންދިޔައީ އޭރުގެ ބޮޑު ވަޒީރު އިބްރާހީމް ނާސިރު ހިތްޕުޅުހަމަޖެހިވަޑައިނުގަތް ކަމަކަށެވެ. ހަމައެއާއެކު 1967ވަނަ އަހަރު އަލްއުސްތާޒު މުޙައްމަދު ޖަމީލު ދީދީ އުއްތަމަފަނޑިޔާރު މަނިކުފާނުގެ މަޤާމުން އިސްތިއުފާ ދޭން ޖެހުނީ އެބޭފުޅާ އިސްރާއީލާ ދެކޮޅަށް ކެނޑިނޭޅި އަޑުއުފުލުމުގެ ސަބަބުން ކުރިމަތިވި ވަޑައިގަތް ފިއްތުންތަކުގެ ސަބަބުންނެވެ. ހަމައެހެންމެ ނާސިރުގެ މި ޚާރިޖީ ނިންމެވުމަށް މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގައި ކިޔަވަން ތިއްބެވި ދަރިވަރުން ކަމަށްވާ އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމާއި އަލްއުސްތާޒު ފަތުހު ﷲ ޖަމީލާއި އަދި ޑރ. މުޙައްމަދު ޒާހިރު ހުސައިން ފަދަ ބޭބޭފުޅުން ސަރުކާރުގެ މި ޚާރިޖީ ސިޔާސަތައް ނުރުހުން ފާޅުކުރެއްވެވިއެވެ. އެހެންކަމުން ވަޒީރުލް ޢަޢުޒަމް އިބްރާހީމް ނާސިރު އިސްރާއިލާއި ޚާރިޖީ ގުޅުން ބަދަހިކުރެއްވުން ވެގެންދިޔައީ އެމަނިކުފާނަށް ނިންމެވުނު އެންމެ ފުރިހަމަ ނިންމެވުމެއް ނޫންނޭ ދެންނެވިދާނެއެވެ.
އަދު ދިވެހިރާއްޖޭގެ ޢިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތަކީވެސް އިބްރާހީމް ނާސިރުގެ ރައީސް ކަމުގެ ދުވަސްވަރު 1972ގައި ތަޢާރަފުކުރި ސިނާޢަތެކެވެ. މިގޮތުން އޭރު ވިހަމާނަފުށީގައި ކުރުނބާ މޯލްޑިވްސްގެ ނަމުގައި 280 އެނދުގެ ރިސޯޓެއް ހެދިއެވެ. މި ރިސޯޓު ވުޖޫދަށް ގެނައުމުގައި މުޙައްމަދު އުމަރު މަނިކާއި ހުސައިން އަފީފް (ޗަމްޕާ) އަދި އަޙުމަދު ނަސީމުގެ ދައުރުވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން 1970ގެ އަހަރުތަށް ނިމުނުއިރު 17 ރިސޯޓު ހެދި މުޅިއަކު 1300 އެނދު މިސިނާޢަތަށް ޚާއްސަކުރެވުނެވެ. އެދުވަހަކަށް ވުރެ ދުވަހެއް މި ސިނާޢަތް ފުޅާވަމުން ގޮސް އޭރު ދިވެހިންގެ ޢިޤްތިޞާދުގެ މައި ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާއަށްވުރެ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާ އިތުރުވެ މަޑުމަޑުން ގޮސް ފަތުރުވެރިކަމުގެ ސިނާޢަތުގެ މައްޗަށް ދިވެހި ޢިޤްތިޞާދު ވަކި ހިއްޕާލިއެވެ. މިހެންކަމުން ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކުރެއްވި ބާނީއަކީ އިބްރާހީމް ނާސިރު ކަމާމެދު ޝައްކެއް ނެތެވެ.
އިބްރާހީމް ނާސިރުގެ ސިޔާސީ ޙަޔާތާއި އަދި އެމަނިކުފާނު ޤައުމަށް ކޮށްދެއްވެވި ޚިދުމަތްތަކާއި މެދު ގިނަ ގުނަ މަޢުލޫމާތުތަށް ލިބެން ހުއްޓެކަމަކު ނާސިރުގެ އަމިއްލަ ދިރިއުޅުއްވުމާއި މިޒާޖާއި މެދު ލިބެން ހުރީ ވަރަށް ވެސް ތަދު މަޢުލޫމާތުތަކެކެވެ. އެގޮތުން އާއްމު ރައްޔިތުންނަށް ނާސިރު ސިފަކުރެވެނީ ވަރަށްވެސް ސީރިއަސް އަދި ހަރުކަށި ބޭފުޅެއްގެ ގޮތުގައެވެ. މިސަބަބާހުރެ އެމަނިކުފާނުދެކެ ޖެހިލުންވާ މީހުންވެސް މަދެއް ނޫނެވެ. އާދޭހެވެ، ޙަޤީޤަތަކީވެސް އެއީއެވެ. ނާސިރުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޢާއްމު ރައްޔިތުންނަށް އެގޮތަށް ފެނުނެއް ކަމަކު އެބޭފުޅާއަކީ ގާތް ބޭފުޅުންނާއެކު ހީ ސަމާސާ ކުރައްވާ އުޅުއްވާ ބޭފުޅެކެވެ. އަދި ޢިޖުތިމާއީ ކަންކަމަށްވެސް ވަރަށް ސަމާލުކަން ދެއްވާ ބޭފުޅެކެވެ. ހަމަމިއާއެކު ވޮލީފަދަ ކުޅިވަރުތައް ވަރަށް ޝައުގުވެރިކަމާއިއެކު ކުޅުއްވިއެވެ. މީގެއިތުރުންވެސް މުނިފޫހިފިލުވުމަށްޓަކައި މަހަށް ގޮސް އުޅުއްވިކަން ފާހަގަކޮށްލެވެއެވެ. އަދި ތުއްޕުޅުއިރު ގުޑި އަރުއްވާވެސް އުޅުއްވިއެވެ. ނާސިރު ހެދުން ތުރުކުރައްވާ ގޮތަށް ބަލާލިނަމަހީވެސް ފެނިގެން ދަނީ އެމަނިކުފާނުގެ ހަރުދަނާ ޝަޚުސިއްޔަތެވެ. އެގޮތުން އަބަދުވެސް ހެދުން ތުރުކުރައްވަނީ ރަސްމީ ސިފައެއްގައެވެ. އެމަނިކުފާނަށް އެހެންމީހުން ޙުޝާމަތު ކުރުމަކީ އެހައި ގަޔާވާކަމެއް ނޫނެވެ. އަދި ކަންކަން އޮންނަ ގޮތަށް ތެދުބަހުން އެމަނިކުފާނު ގާތުގައި ވިދާޅުވުމުކީ އެ މަނިކުފާނު ވަރަށް ރުހިލައްވާ ސިފައެކެވެ. ހަމައެފަދައިން ކަންތައްތައް '' ޗެލެންޖެއްގެ '' ގޮތުގައި ނެންގެވުމަކީ އެމަނިކުފާނުގެ ކަށީގައި ހަރުލާފައިވާ ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި ކަންކަމާމެދު ވިސްނާ ފިކުރުކުރައްވާ،ދުރު ވިސްނިވަޑައިގަންނަވާ ބޭފުޅެކެވެ .
އާދޭހެވެ، ޝައްކެއް ވަސްވާހެއްވެސް ނެތް ގޮތުގައި ޞާޙިބުލް ފަޙާމާ ޞުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ 10 އަހަރު ދުވަހުގެ ޒަޢާމަތުގައި މި ކުޑަކުޑަ ދިވެހިރާއްޖެ އެތައްގޮތަކުން ކުރިއަރާ ތަރައްޤީވެގެން ދިޔައެވެ. އަދި އެމަނިކުފާނުގެ މި ޒަޢާމަތަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފާވާލެވިގެންދާނެފަދަ ޒަޢާމަތެއް ކަމާމެދު ޝައްކެއްވެސް ނެތެވެ. އިބްރާހީމް ނާސިރުގެ މި ދިގު ވެރިކަމަށް ނިމުމެއްއައީ 11 ނޮވެމްބަރ 1978ގައި އޭރުގެ ޓްރާންސްޕޯޓު މިނިސްޓަރ އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ދިވެހިރާއްޖޭގެ ރައީސް ކަމަށް ވަޑައިގަތް ހިސާބުންނެވެ. އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމެވުމަށްފަހު ރާއްޖެ ދޫކުރައްވާ ސިންގަޕޫރަށް ވަޑައިގަތެވެ. އަދި 2008 ގައި އެމަނިކުފާނު އަވަހާރަވުމާ ހަމައަށް ސިންގަޕޫރުގައި ހުންނެވިއެވެ. ސިންގަޕޫރުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ މައްޗަށް އެތަކެއް ތުހުމަތުތަކެއް ކުރެވި އެމަނިކުފާނުގެ ޢަޢިރު ޙާޒިރުގައި ޝަރީޢަތް ކުރެވުނެވެ. ނަމަވެސް އެ ތުހުމަތުތައް އެމަނިކުފާނުގެ މައްޗަށް ސާބިތެއްނުވިއެވެ. އަދި އެމަނިކުފާނު ޤައުމު ދޫކޮށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށްވެސް ރާވާ ހިންގުނެވެ. މިކަމުގައި އޭރު އޮތް ސަރުކާރުގެ ދައުރުވެސް ބޮޑުކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އާދެ، ދުނިޔޭގައި މާތްﷲ ލައްވާފައިވާ ކޮންމެ އެއްޗެއްވެސް ނެތި ފަނާވެދާ ފަދައިން 22 ނޮވެމްބަރ 2008 ސިންގަޕޫރުގެ މައުންޓް އެލިޒެބަތް ހޮސްޕިޓަލުގައި ޞާޙިބުލް ފަޙާމާ ޞުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ވަނީ މި ފަނާވަނިވި ދުނިޔެއިި ވަކިވެވަޑައިގެންފައެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅުން 82 އަހަރުފުޅެވެ. އެމަނިކުފާނު އަވަހާރަވީއިރު އަނބިކަނބަލަކާއި ދެ ދަރިކަލުންނާއި ދަރިކަނބަލަކު ދުނިޔޭގައި ތިއްބެވެ. އޭރުގެ ސަރުކާރުގެ ފަރާތުން އެމަނިކުފާނުގެ ހަށިކޮޅު ސިންގަޕޫރުން ރާއްޖެ ގެނެވުނެވެ. އަދި 24 ނޮވެމްބަރ 2008ގައި އެމަނިކުފާނުގެ ހަށިކޮޅު ދިވެހި އަސްކަރިއްޔާގެ ރަސްމީ ޢިއްޒަތުގައި ހުކުރު މިސްކިތުގެ ގޯތިތެރޭގައި ފަސްދާނުވެޑުވުނެވެ. އެމަނިކުފާނު މިއަދު އަޅުގަނޑުމެންނާއި ވަކިވެ ދިޔައެއް ކަމަކު އެމަނިކުފާނު ހޯދައިދެއްވި މިނިވަންކަމުގެ ފޮނި މޭވާގެ ރަހަ އަބާދާއި އަބަދު އަޅުގަނޑުމެންގެ ޢަރު ތެރޭގައި ލާނެ ކަމާއިމެދު ޝައްކެއްނެތެވެ . އާދެ އަލްއުސްތާޛްް މުހަންމަދު ޖަމީލް ދީދި ހަައްދަވާފައިވާާ ޅެމުގައި ވާފަދައިންް " ދުނިޔެެ ދޫކޮށްފާ ދާއިރު އެންމެންނަށް ފެންނަ ފަށުގައި ފުނިޖަހާފައި ހުންނަ ފަސްކޮޅަކާއި ދެގާ ނޫނީ ނެތަސް އަދި ، އަގެއްްނެތް ޖިސްމުތައްް ދާދީ އަވަހަށް ނެތި ފަނާވެގެން ދިޔަޔަސް ތާއަބަދަށް ދެމިހުންނަ ޒިކުރާއަކަށް " ނިމުމެއް ނެތެވެ . އަޅުގަނޑުގެ ދުޢާއަކީ އެމަނިކުފާނުގެ ފުރާނުފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާ އަބަދުގެ އަބަދަށް މާތްﷲ ތަނަވަސް ރަޙުމަތުގައި ލެއްވުމެވެ.
ލިޔުނީ ✍️ : އަޙުމަދު ލޫޠު ޝާހިދު
ޓައިޕިން/ޕްރޫފްރީޑިން : މުހައްމަދު ޝަމޫލް
No comments:
Post a Comment