Thursday, October 7, 2021

ޤައުމީ ދުވަސް

ގ

 

އާދެ ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަސް ފާހަނގަ ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ ދިވެހިން ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްވެ، ފުރިހަމަ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދިވެހިންނަށް އަނބުރާ ލިބިގެންދިޔަ ދުވަހެވެ. މި ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޭފުޅަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި އައްސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދިއްތަ މަހާރަދުންނެވެ. މިފަދަ ދުވަސްތައް ވާންޖެހެނީ  އެދުވަހެއްގައި އެ އަބްތާލުންގެ ޒިކުރާ އާކޮށް ދިރުވަން ޖެހޭ މުނާސަބާއަކަށެވެ. އުތީމު މުހަންމަދު ތަކުރުފާނު ދިވެހީ ގައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ޒިކުރާ އާކޮށް އެއިން އިބުރަތް ލިބިގަންނަންވީ ދުވަހަކަށެވެ. މިވާހަކަތައް އަޅުގަނޑުމެންގެ ދަރިންނާއި ޒުވާން ޖީލުތަކަށް މި ވާހަކަތައް ކިޔައިދޭ ދުވަހަކަށެވެ. އެގޮތުން ބަލާއިރު ދިވެހިރާއްޖޭގައި އެންމެ ފުރަތަަމަ ގައުމީ ދުވަހެއް ފާހަނގަ ކުރެވިގެންދިޔައީ  4 ފެބްރުއަރީ 1946 ގައެވެ. އެއީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަހެވެ. އެހެންކަމަށްވުމާއިއެކު މިއަދު މި ފާހަނގަކުރާ ގައުމީ ދުވަސް ވެގެންދާނީ ދިވެހިރާއްޖޭގައި ފާހަނގަ ކުރެވޭ 75 ވަނަ މިނިވަންދުަވަހަށެވެ.
އާދެ މިއަދު ގައުމީ ދުވަސް ފާހަގަކުރާއިރު ،ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށައް ދިޔަ ގޮތަށް އަލިއަޅުވާލަމާތޯއެވެ. އެގޮތުން މި މަރުހަލާ ފެށިގެންދަނީ ، ހިލާލީ ދަރިކޮޅުގެ ރަސްކަލެއް ކަމަށްވާ 9 ވަނަ ހަސަން ރަސްގެފާނު ރާއްޖެ ދޫކުރައްވައި އިންޑިޔާގެ ގޯއާއަށް ވަޑައިގަތް ހިސާބުންނެވެ. އެގޮތުން އިންޑިޔާގެ ގޯވާއަށް ވަޑައިގެން އިސްލާމް ދީނާ ދޫކުރައްވައި ، ނަސާރާ ދީނަށް ވަދެވަޑައިގަތެވެ. އެދުވަސްވަރު ދިވެހިރާއްޖޭގެ ސިންގާސަނާ ތަޚުތުގައި ރެދަލިކުރައްވަމުން ގެންދެވީ އައްސުލްޠާން އަލީ (6) ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެގޮތުން މި ރަސްގެފާނުގެ ރަސްކަމަށް 2 މަސްވީތަނާހެން ޕޯޗުގީޒުންގެ ހަނގުރާމަ މަތީ ގުރާބެއް ރާއްޖެ އައެވެ. ރާއްޖޭގެ އައިސް ވެރިރަށް ފުރަމާލެއާއި ގާތްކޮށް ރާއްޖެއަށް އިސްވެ ހަމާލާދޭން ފެށިއެވެ. އެންމެ ފުރަތަމަ ހަމަލާތައް ބަދަލުކުރެވެމުން ދިޔައީ ބަނދަރުމަތީގައި ތިބެ ، ބޮޑުބަޑި ބޭނުންކޮށްގެންނެވެ. މި ގުރާބު ނުވަތަ ލަޝްކަރުގެ ކޮމާންޑަރަކަށް ހުރީ ދިވެހި ތާރީޚުގައި ނަން މަޝްހޫރު އަނދިރި އަނދިރިންނެވެ.
ހަނގުރާމައިގެ މި ނުތަނަވަސް ދަނޑިވަޅުގައި ، ދިވެހިންގެ ތެރެއިން ގައުމަށް ޚިޔާނާތްތެރިވި ޣައްދާރުންގެ ސަބަބުން ދުޝްމަނުންނަށް ވެރިރަށް މާލެ އެރުމުގެ ފުރުޞަތު ފަހިވެގެން ދިޔަ އެވެ. އެގޮތުން އެއްރެއެއްގެ ފަތިސް ވަގުތު ބަޑިތަކާއި ސިލޭހަތަށް ހިފައިގެން ދުޝްމަނުން މާލޭގެ ހުޅަނގު ފަރާތަށް ފޭބިއެވެ. އަދި މި ދުޝްމަނުންގެ ލަޝްކަރާއި ކުރިމަތިލެއްވުމަށް އަލިރަސްގެފާނާއި އެރަދުންގެ ލަޝްކަރު ވަޑައިގަތެވެ. ނަމަވެސް އެރަދުންގެ ލަޝްކަރުގެ ބޮޑުބައި ފިލައިގެން ދިޔައީއެވެ. ނަމަވެސް ފަސްޖެހުމެއްނެތި ދެންތިއްބެވި މަދު މީސްކޮޅަކާއިއެކު ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވާ ދިވެހި ގައުމަށްޓަކައި ލެއިން ގުރުބާންވި ވަޑައިގެންނެވި އެވެ. މި ހާދިސާ ހިނގައިދިޔައީ  ހިޖުރައިން 965 ވަނައަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހުގައެވެ.
ޕޯޗުގީޒުންގެ ވަކިތަކުގެ ދަންތުރާގައި ދިވެހިރާއްޖެ ޖެހުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ވެރިކަމުގެ ދަހިވެތިކަމުގައި، ރަސްކަމުގެ ކޮއިލުތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި  ގުޅިގެން ރާއްޖެ ދޫކޮށް އިންޑިޔާގެ ގޯއާއަށް ވަޑައިގެން ހުންނެވި 9 ވަނަ ހަސަން ރަސްގެފާނު ، ރަސްކަން ހޯދުމަށްޓަކައި ޕޯޗުގީޒުންގެ އެހީތެރިކަމަށް އެދިވަޑައިގެންނެވުމުންނެވެ. އަދި ޕޯޗުގީޒުންނަށް މި ފުރުސަތު ވީ އެބައިމީހުންގެ ނުފޫޒާއި އާރާއި ބާރު މި ސަރަހައްދުގައި ވަކިިހިތްޕާލުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ. އެގޮތުގެ މަތީން ޕޯޗުގީޒުން ރާއްޖެ އަރައި 15 އަހަރާއި 6 މަސް ދުވަހުގެ އަނިޔާވެރި ޚުދުމުހުތާރު ވެރިކަމެއް ދިވެހިންގެ މައްޗަށް  ކުރިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ކޮންމެ ފަހަރަކުމެ މިފަދަ ކަމެއްގެ  ފަހަތުގައިވަނީ ދިވެހި ފަސްގަނޑަށް އުފަން  ދިވެހި ލޭހިނގާ ދިވެހި ދަރިއެއްކަން ދިވެހި ތާރީޚު ހެކި ދެއެވެ. ހަމައެހެންމެ މިފަދަ ކޮންމެ އުދުވާނަކުން ނުވަތަ އަޅުވެތިކަމަކުން ސަލާމަތްކޮށްދެނީވެސް ގައުމުދެކެ ލޯބިވާ ދިވެހި ދަރިއެއްކަން ވެސް  ދިވެހިތާރީޚުން ހާމަވެގެންދެއެވެ. މި ހާދިސާގައިވެސް ކަންހިނގައިދިޔައީ ހަމަ މި ބީދައިންނެވެ. " ކަނޑުގެ ބާޒުން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ފުށެތިކާލުން ނުވަތަ ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކޮށްދެއްވީ ގައުމުދެކެ ލޯބިވި ދިވެހި ލޭހިނގާ އެފަދަ ދެވަނައެއްނުވާ އައްސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދިއްތަ މަހާރަދުން ނުވަތަ " ބޮޑުތަކުރުފާނެވެ".  ތާރީޚު ދިރާސާކުރައްވާ ބޭފުޅުން، ޕޯޗުގީޒުންގެ އެ އަނިޔާވެރި ވެރިކަން ސިފަކުރައްވަނީ " ދިވެހި ކަނޑުތައް ދިވެހިންގެ ލެއިން ރަތްވެގެންދިޔަ " ދުވަސްވަރެއްގެ ގޮތުގައެވެ. މި އަނިޔާވެރި ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމުގެ  މަސައްކަތް ފެއްޓެވީ އުތީމު ޙުސައިން ޚަތީބު ތަކުރުފާނުގެ ދަރިކަލުން މުހަންމަދު ތަކުރުފާނު އިސްވެ ހުންނަވައި އަރިހުގައި ދެބެއިން ހަސަން ތަކުރުފާނާއި ޢަލި ތަކުރުފާނާއި  ދެހާޖީންނެވެ. ޕޯޗުގީޒުންނާއި ދެކޮޅަށް މި ބޭފުޅުންނާއި މަދު މީސްކޮޅަކާއި އެކު ކުރެއްވި މި ވަރުގަދަ ޖިހާދަކީ  ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު އެ ވާހަކަތައް ދައްކާނެ އަދި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެފަދަ މަސައްކަތްޕުޅެކެވެ.
ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމުގެ މަސައްކަތްޕުޅުގައި  އެންމެ ފުރަތަމަ ކުރެއްވި ކަމަކީ "ކަޅުއޮށްފުންމި" އޮޑި ބެންނެވުމެވެ. އެގޮތުން ހއ. ބާރަށަށް ވަޑައިގެން އުތީމު މުހައްމަދު ތަކުރުފާނު  އެރަށުގައި އެ އޮޑި ބެންނެވުމުގެ މަސައްކަތް ކުރެއްވި އެވެ. މި އޮޑީގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރައްވައި ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވަމުން އެބައިމީހުން ބަލިކުރައްވަމުން ގެންދެވިއެވެ. މި ދިގު އަދި އުނދަގޫ ދަތުރުގެ އެންމެ ފަހު މަންޒިލަކަށްވީ ވެރިރަށް މާލެއެވެ. އެއީ އޭރު ޕޯޗުގީޒުންގެ ވެރިކަން ރާއްޖޭގެ މައްޗަށް ހިންގަމުން އައި މައި ރަށެވެ. މިނިވަންކަމަށްޓަކައި މި ކުރެއްވި މަތިވެރި ޖިހާދުގައި ބޮޑުތަކުރުފާނަށް އެތަކެއް ހުރަސްތަކާއި ދިމާވެވަޑަިގެންނެވިއެވެ. އެގޮތުން އެއްބަފާ ބޭބޭފުޅު ޢަލިތަކުރުފާނު ޝަހީދުވެވަޑައިގަތުން ފާހަގަކޮށްލެވެއެވެ.
ބޮޑުތަކުރުފާނުގެ މި ދަތުރު ނިމިގެންދިޔައީ ފޮނި ކާމިޔާބީ އާއި އެކު ދިވެހިރާއްޖޭގެ މިނިވަންކަން އަނބުރައި ދިވެހިންނަށް ހޯއްދަވައި ދެއްވުމަށްފަހުގައެވެ.  އެގޮތުން ،މީލާދީ ސަނަތުން 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ނުވަތަ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލް އައްވަލު މަހުގެ ފުރަދަންވަރުގެ ވަގުތު ބޮޑުތަކުރުފާނު ޖެއްސެވި އުންޑައިން އަނދިރި އަނދިރިން ގަތުލުވެ، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ސަލާމަތްވެ ، ދިވެހިންނަށް ސަލާމަތާއި ނަސްރާއި ކާމިޔާބު ލިބިގެންދިޔައެވެ. އެ ތާރީޚީ ހާދިސާ ހިނގިތާ މިއަދަށް މީލާދީގޮތުން 447 އަހަރުވެގެން ދިޔައީއެވެ.
އެއާއިއެކު ގައުމީ ދުވަހުގެ ގޮތުގައި މި ފާހަނގަ ކުރެވޭ ދުވަހުގެ ފަހަތުގައިވާ ހާދިސާތަކާއި ވާހަކަތަކަށް ބަލައިލުމުން ވެސް ފެނިގެންދަނީ ދިވެހިރާއްޖޭގެ ސިޔާދަތާއި ސަލާމަތާއި މިނިވަންކަމަށްޓަކައި އެ އަބްތާލުން ވެވަޑައިގަތް މަތިވެރި ގުރުބާނީއެވެ. މިއަދު އަޅުގަނޑުމެން މި ދުވަސް ފާހަގަކުރާއިރު އެބޭކަލުންގެ ޒިކުރާ އާކޮށް، އެބޭކަލުންގެ ކިބައިން ހިތްވަރު ލިބިގަންނަންޖެހެއެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ޖާނުން ގުރުބާންވާން ޖެހުނަސް ތައްޔާރަށް ތިބުމުގެ ޢަޒުމް ކަނޑައަޅަންޖެހެއެވެ. ހަމައެހެންމެ ގައުމު ތިބާއަށް ގޮވައިލާ ހިނދު އެކަމަށް އިޖާބަދޭން ފަސްނުޖެހި އެކަމަށް ތައްޔާރުވެގެން ތިބެންޖެހެއެވެ.އެއާއިއެކު  މި މިނިވަންކަމުގެ ފޮނިމީރުކަން އަޅުގަނޑުމެން ލިބިގަންނަމުންދާހާލު އެއްބައިވަންތަކަމާއި އެކުވެރިކަން އިސްކޮށް ދިވެހީންގެ ހިތްތަކުގައި އޮތް ގައުމީ ލޯބި އިތުރުކުރަމާތޯއެވެ.  އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކި ، މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ އަބަދަށް ލަހައްޓަވައި ، އެ އަބްތާލުންގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަހްމަތް ލައްވަވައި ، ސުވަރުގޭގެ ތަނަވަސް  ރަހްމަތުގައި ފުރާނަފުޅު ލެއްވެވުމެވެ. އާމިން.

ލިޔުނީ: އަޙްމަދު ލޫތު ޝާހިދު 


No comments:

Post a Comment

ބޭފުޅިޒަމް ނެތިގެންދާނީ ކޮންއިރަކުބާ ؟

  އާދެ  މީގެ ދެ ސާސްކަފު ކުރީން ހަނދުވަންހައިން ދިވެހިރާއްޖޭގެ ސިންގާސަނާ ތަޙުތަށް އެރި އިރު، ހުރާ ޚާންދާނުގެ  ރަސްކަމަށް އޮއްސުނީ އައު ޖުމް...