ސ. ހުޅުދޫ މާލިމީގޭ މޫސާ މަނިކުފާނު (ތިނަދޫ މޫސާ ހިރިހަމައިދި ކަލޭފާނު)
މިއީ އަޅުގަނޑުގެ މަންމަ ފަރާތު މުނިމާމަ ސ. ހުޅުދޫ މަރިޔަމް މަނިކުފާނުގެ އެއްބަފާ ބޭބެ އަދި ހުވަދު އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ ސ. ހުޅުދޫ މާލިމީގޭ މޫސާ މަނިކުފާނާ ބެހޭގޮތުން ބައެއް މައުލޫމާތު ހިއްސާކޮށްލުމުގެ ގޮތުން ލިޔާ ލިޔުމެކެވެ. ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެފެފާނު ދިވެހި ސަރުކާރު ހިންގެވިއިރު މޫސާ ކަލޭފާނަށް ދިވެހި ދައުލަތުން ކަންގަތި ކޮލީގެ އިއްޒަތް އަރުވާފައިވާތީވެ، ފަހުން ބަދަލުވީ "މޫސާ ހިރިހަމައިދި ކަލޭފާނު" މި ނަމަށެވެ.
ހިރިހަމައިދި ކަލޭފާނުގެ ބައްޕަ އަކީ ސ. ހުޅުދޫ މާލިމީގޭ އަލި މަނިކުފާނު (މާލިމީގޭ ދޮންރަހާ)އެވެ. މަންމަ އަކީ ސ.ހުޅުދޫ ހަޖާމުގޭ މަރިޔަމް މަނިކުފާނެވެ. އުފަންވެވަޑައިގަތީ މީލާދީން 1901 ވަނަ އަހަރު އެވެ. ދަރިކޮޅަށް ބަލާއިރު އެއީ ހަތް ވަނަ އަލިރަސްގެފާނުގެ 10 ވަނަ ހަސަން ރަސްގެފާނުގެ އަލްއަމީރު އިބްރާހިމް މަނިކުފާނުގެ ހުސެއިން މަނިކުފާނުގެ ހުޅުދޫ ރަހާގެ ގައުމާތަގޭ ބޮޑޮ ރަހާގެ މާލިމީގޭ ދޮންރަހާގެ މޫސާ ހިރިހަމައިދި ކަލޭފާނު އެވެ.
ހުޅުދޫ އަށް އުފަން ހުޅުދޫ މީހަކަށްވީ ނަމަވެސް މީލާދީން 1934 ވަނަ އަހަރު ގދ. ހަވަރުތިނަދޫ އަށް ހިރިހަމައިދި ކަލޭފާނު ހިޖުރަކުރެއްވުމާ އެކު މަޝްހޫރުވެވަޑައިގަތީ ތިނަދޫ މީހެއްގެ ގޮތުގަ އެވެ. ތާރީހު ދިރާސާކުރައްވާ ބައެއް މީހުން ބުނާ ގޮތުގައި ތިނަދޫ އަށް ވަޑައިގަތީ ގުރުއާން މުދައްރިއްސެއްގެ ގޮތުންނެވެ. ހިރިހަމައިދި ކަލޭފާނަކީ ރީތި އަޑެއްގެ ވެރިއެއް ކަމާއި މަޚްރަޖަށް އަހުލުވެރި އަދި އަރަބި މައުލޫދު މާނަޔާއެކު އެނގިވަޑައިގަންނަވާ މީހެއް ކަމަށްވެ އެވެ.
ގދ މަޑަވެލީ އަލީ ނަސީރު ލިޔުއްވާފައިވާ ގޮތުގައި ހިރިހަމައިދި ކަލޭފާނު އެންމެ ފުރަތަމަ އާމްދަނީ ހޯއްދެވީ ކުދިންނަށް ގުރުއާން އުނގަންނައިދީގެންނެވެ. ފަހުން ރަށުގެ އަޝްރާފުންގެ ތެރޭގައި ހިމެނި، ހަގަޑިބައި ކޮމިޓީގައި ހިމެނިވަޑައިގަތް ކަމަށްވެ އެވެ. އެއީ ރައްޔިތުންގެ މައްސަލަތައް ހުށަހަޅައި، ފައިސަލާކުރާ ކޮމިޓީއެއް ކަމަށް އޭނާ ލިޔުއްވާފައިވައިވެ އެވެ.
އެއީ ހަވަރުތިނަދޫ އިން ހަވަރަށް ވާރު ދެއްކުމަށް ފައިސާ ހޯދަން ބޮޑެތި ފަޅުރަށްރަށް މީހުންނަށް ވަރުވާ އަށް ދީފައިވާ ދުވަސްވަރެކެވެ. އަލީ ނަސީރު ލިޔުއްވާފައިވާ ގޮތުގައި ގއ. ކޫއްޑޫގެ ވަރުވާ ނުދެއްކި ދެ އަހަރުވީ ފަހުން ކޮމިޓީއަށް ހުށަހެޅި ނިންމީ ހިރިހަމައިދި ކަލޭފާނުއާ އެ ރަށް ހަވާލުކުރުމަށް ކަމަށެވެ.
ހިރިހަމައިދި ކަލޭފާނުގެ މިލްކިއްޔާތުގައި އޭރު މަސް ދޯންޏާއި ފަޅުރަށްރަށް އޮވެ އެވެ. ކަލޭފާނަކީ އޭރު އަތޮޅުގެ އެންމެ ބޮޑު މަހުޖަނުގެ އިތުރުން މުޅި ރާއްޖެ އަށް ބެލިޔަސް އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނުނު މީހެކެވެ. އެހެންވެ އެ ދުވަސްވަރު ރާއްޖޭގެ އިގްތިސުގައި ކަލޭފާނުގެ ހިއްސާ ބޮޑެވެ.
ހިރިހަމައިދި ކަލޭފާނަކީ އާއްމު ރައްޔިތުންނަށް ވެސް އެހީވި މީހެކެވެ. އަލީ ނަސީރު ލިޔުއްވާފައިވާ އެއް ފަހަރު ދަތުރެއްގެ މަގުމަތީގައި ކ. ގިރާވަރުގައި އޮޑި ބަނދަރުކޮށް ހިރިހަމައިދި ކަލޭފާނު އެ ރަށަށް ފޭބިއިރު އެ ރަށުގައި ކާނެ އެއްވެސް އެއްޗެއް ނެތުމުން އެ ރަށުގެ ރައްޔިތުންނަށް އެއް މަހަށް ވާ ވަރަށް އެހީވި ކަމަށެވެ.
ހިރިހަމައިދި ކަލޭފާނު ވަނީ ހުވަދު އަތޮޅުވެރިކަން ކުރައްވައިފަ އެވެ. އަތޮޅުވެރިކަން ދެއްވީ 1953 ވަނަ އަހަރުގެ އޭޕްރިލް 17 ވަނަ ދުވަހު ހަވަރުތިނަދޫ ބޯޅަދަނޑުގައި އޮތް ޖަލްސާއެއްގައި އޭރުގެ ރައީސް އަމީން ދީދީ އެވެ.
އަމީން ދީދީ އާއި ހިރިހަމައިދި ކަލޭފާނާ އޮތީ ގާތް ގުޅުމެކެވެ. އަމީން ދީދީ އިސްކޮށް ހުންނަވައި އުފެއްދެވި ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ މުތަގައްދިމް ޕާޓީގެ ޖަލްސާ އަށް ކަލޭފާނު މާލެ ވަޑައިގަތެވެ. އަމީން ދީދީ ރައީސްކަމުގެ ހުވާ ކުރެއްވި ޖުމްހޫރީ ދަރުބާރުގެ ރަސްމިއްޔާތު ބޭއްވުމަށް ދާރުލްއުލޫމުގެ ސްޓޭޖް (މަޖީދިއްޔާ ސްކޫލް ހޯލް) ތައްޔާރުކުރެއްވުމަށް ހިރިހަމައިދި ކަލޭފާނީ އެހީވެދެއްވި ކަމަށްވެ އެވެ. ރާއްޖޭގެ ރަށްތައް ތަރައްގީކުރުމަށް މުހައްމަދު އަމީން ފެށްޓެވި ގައުމީ ތަރައްގީގެ ޕްލޭނުގެ މަސައްކަތްތަކަށް އެ މުޅި ހުވަދު އަތޮޅުން އެންމެ ބޮޑު ހޭދައެއް ކުރެއްވީ ވެސް ހިރިހަމައިދި ކަލޭފާނު ކަމަށްވެ އެވެ.
އަމީން ދީދީ އަށް ފަހު ރާއްޖޭގެ ވެރިކަމާ ދެން ހަވާލުވެވަޑައިގެންނެވި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރިކިލެފާނުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރުވެސް އަތޮޅުވެރިކަމުގެ މަގާމުގައި ވެސް ހުންނެވީ ކަލޭފާނޭވެ. އިނގިރޭސި ރާނީ ސްރީ ލަންކާ އަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ރާއްޖޭން ދިޔަ ވަފުދުގައި ފާމުލަދޭރިކިލެފާނާ އެކު ހިރިހަމައިދި ކަލޭފަނު ގެންދެވި އެވެ.
ހިރިހަމައިދި ކަލޭފާނު އަތޮޅުވެރިކަމުން ވަކިކުރެއްވީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި 1958 ގަ އެވެ.ހަވަރުތިނަދޫ ބަޣާވާތާ ގުޅިގެން ހިރިހަމައިދި ޖަލަށްލެވުނެވެ. އަވަހާރަވީ 1962 ވަނަ އަހަރުގެ ޖެނުއަރީ 13 އެވެ. ކަލޭފާނު ޖަލުގައި އަވަހާރަކޮށްލެވުނީ ކަމަށް ވެސް ބައެއް ތާރީހު އިލްމުވެރިން ވިދާޅުވެ އެވެ.
ހިރަހަމައިދި ކަލޭފާނުގެ އަނބިކަނބަލުންނަކީ ހަވަރުތިނަދޫ އައިމިނަތު އަބުދުއްރަހްމާން (ރެކިދިޔެ) އެވެ. ލިބިވަޑައިގެންނެވި ހަތް ބޭފުޅުންނަކީ އަބްދުﷲ މޫސާ (އަބުދުﷲ ކަތީބު) އާއި ސައީދު ކަތީބާއި އަބްދުމުޣުނީ އާއި އަބްދުލްމުހުސިން އަދި އައިމިނަތު ނަފީސާ އާއި ހައްވާ މޫސާ (ހައްވާމަނިކެ) އަދި ފާތުމަތު މޫސާ (ފާތުމާ މަނިކެ) އެވެ. މީގެ ތެރެއިން އަބްދުﷲ ކަތީބުގެ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ އާއި ރާއްޖެ އަށް ސިޔާސީ އިސްލާހީ ބަދަލުތައް ގެންނެވުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު ލަތީފް ލަތީފް (ގޯގޯ ލަތީފު) ހިމެނެ އެވެ.
:ލިޔުނީ
މުހަންމަދު ހަމްދޫން
އަހްމަދު ލޫތު ޝާހިދު
ނަސަބުގެ މައޫލޫމާތު: އަހުމަދު ނާސިހު/ ސ. މީދޫ
މައުލޫމާތު : އަހުމަދު އަލާ ދީދީ
މައުލޫމާތު:ޖުމްހޫރި ވެރިކަމާއި ހުވަދު އަތޮޅު (އަލީ ނަސީރު / ގދ. މަޑަވެލި)
No comments:
Post a Comment