ދިވެހިރާއްޖެ އިސްލާމްވުން.
މާތް ﷲ ސުބްހާނަހޫ ވަތައާލާ އެންމެހައި މީސްތަކުން އުޅުމަށް އެންގެވި ދީންކަމުގައިވާ އިސްލާމް ދީނުގެ ހިދާޔާތް ދިވެހިރާއްޖެއަށް ލިބިގެންދިޔައީ ހިޖުރައިން 6ވަނަ ގަރުނު ނުވަތަ މީލާދީން 12 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. ރަސްމީކޮށް ދިވެހިރާއްޖެ އިސްލާމްވިކަމުގައި ބެލެވެނީ އެ ދުވަސްވަރު ރަސްކަމުގައި ހުންނެވި ރަދުން އިސްލާމްވި ދުވަހުގައެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާޚިރު މަހުގެ 2 ވަނަ ދުވަހެވެ. މީލާދި ސަނަތުން ބަލާކަމުގައިވަނީނަމަ، ޖޫން 1153 އެވެ.
ދިވެހިރާއްޖެއަށް އިސްލާމި ވަހްދަތު ފޯރުކޮށްދެއްވި ބޭކަލަކީ ކޮބައިތޯ ބަލާލާމާ ހިނގާށެވެ. ދިވެހިރާއްޖެއަށް އިސްލާމްދީން އެބޭކަލެއްގެ ފަރާތުން ފޯރާފައިވާ ބޭކަލަކީ މަޣްރިބުކަރައިގެ އިލްމުވެރިއެއް ކަމަށްވާ މައުލާނާ އަލްހާފިޠް އަބުލް ބަރަކާތު ޔޫސުފު އަލް ބަރުބަރީއެވެ. ދިވެހިރާއްޖޭގެ އިސްލާމް ކުރެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށް ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވެސް ވަނީ ލިޔުއްވާފައެވެ. މި ލިޔުއްވުން ބޮޑަށް ބަރޯސާވަނީ އިބްނު ބަތޫތާގެ ދަތުރުނާމާ އަށެވެ. ނަމަވެސް މަޝްހޫރު ތާރީޚު ލިޔުންތެރިޔާ ހަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާމް ކުރައްވާފައިވަނީ މައުލާނާ ޝަހިޚް ޔޫސުފް ޝަމްސުއްދީނު އައް ތަބްރޭޒީ / އަބުލް ބަރަކާތު ޔޫސުފު އަލް ތަބްރޭޒީ ކަމަށެވެ. ހަސަން ތާޖުއްދީނުގެ މި ލިޔުއްވުން ބޮޑަށް ބިނާވެފައި ވަނީ ހުކުރު މިސްކިތުގެ މިހުރާބުގޭގައި ހުރި ފިލަޔެއްގައި ލިޔެފައި އޮންނަ އޮތުމަށް ބިނާކޮށެވެ. އެހެންކަމުން، އަދިއަދަށް ދާންދެންވެސް ދިވެހިރާއްޖެ އިސްލާމް ކުރެއްވީ އަބުލް ބަރަކާތު ޔޫސުފު އަލް ބަރުބަރީތޯ ނުވަތަ އަބުލް ބަރަކާތު ޔޫސުފު އަލް ތަބްރޭޒީތޯ މީ ކުރެވޭ ބަހުސެކެވެ.
ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިވި ހާދިސާ ކަމުގައި ބެލެވޭ ރަންނަމާރި ހާދިސާ އަކީ އެ ހާދިސާއެއް އެންމެނަށް ވެސް އެނގޭ ހާދިސާއެކެވެ. ބޮޑަށް ބަރޯސާވެވޭ ގޮތުގައި ރަންނަމާރި ހާދިސާ އަކީ ފުލޯކު ވާހަކައެކެވެ. އެކި ގޮތްގޮތަށް ކިޔަދެވެމުން އައި ވާހަކަ އެކެވެ. އެހެންކަމުން އެވާހަކަ ދޫކޮށްލާނަމެވެ. ތާރީޚުތަކުން އެނގޭ ގޮތުގައި އަބުލް ބަރަކާތު ޔޫސުފު އަލް ބަރުބަރީ ރާއްޖެ ވަޑައިގަތީ ހިޖުރައިން 540 ވަނަ އަހަރުގެ ތެރޭގައެވެ. ދިވެހިރާއްޖޭގެ އިސްލާމްވެގެންދިޔައިރު ދިވެހިރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސިރީ ތްރިބުވަނަ އާދިއްތަ ބަވަނަ މަހާރަދުންނެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު އައްސުލްޠާން މުހައްމަދު ބިން އަބްދިﷲ އަށް ނަންފުޅު ބަދަލުކުރެއްވިއެވެ. އަދި މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަމުންނެވެ.
ދިވެހިރާއްޖެ އިސްލާމްވިކަމުގެ ރަމްޒެއްގޮތުގައި ބެލެވިފައިވާ ތަނަކީ މެދުޒިޔާރަތެވެ. މިތަނަށް މެދުޒިޔާރަތޭ ކިޔުނީ އޭރު މާލޭގެ ކުޑަބޮޑުމިނަށް ބަލާއިރު އެއީ މާލޭގެ މެދު ކަމުގައި ވާތީއެވެ. އެތަން ޚާއްސަ ވެގެންދާ ސަބަބަކީ އެތަނުގައި ދިވެހިރާއްޖެ އިސްލާމް ކުރެއްވި ބޭފުޅާ، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނު ލެވިފައިވާތިއެވެ. މިތަން މިހާރު އެ ހުރި ގޮތަށް ބިނާކުރެވިފައިވަނީ ޝަމްސުއްދީނުގެ ރަސްކަމުގައި ސުމުއްވުލްއަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ލަފާފުޅުގެ މަތިންނެވެ. އަދި 1957 ގައި މި ޒިޔާރަތަށް ނަދުރުބުނުން ވަނީ މަނާކޮށްފައެވެ
ދިވެހިރާއްޖޭގެ އިސްލާމީ ގައުމަކަށް ވެގެންދިޔައިރު ބައިވަރު ކަންތައްތަކެއް ބަދަލުވެގެން ދިޔައެވެ. އެގޮތުން ބުދުފައްޅިތައް ނެތި ގޮސް ، ދިވެހިންގެ ނަންތައް އިސްލާމީ ނަންތަކަށް ބަދަލުވެގެންދިޔައެވެ. އަދި މިސްކިތްތައް ބިނާކުރެވި،ޖަމާއަތުގައި ނަމާދުކުރުންފެށުނެވެ. އަދި މަޑުމަޑުން މުޅި ދިވެހިރާއްޖެއަށް އިސްލާމި ހިދާޔަތުގެ އަލި ފޯރިއެވެ
ލިޔުނީ : އަޙްމަދު ލޫޠް ށާހިދު
މައުލޫމާތު:
- އިބްނު ބަތޫތާގެ ދަތުރުނާމާ
- ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ
- ހަސަން ތާޖުއްދީނުގެ ލިޔުއްވުންތައް
- މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ލިޔުއްވުންތައް
- ގައުމީ ކުތުބުޚާނާގެ ފައިލް (ރާއްޖެ އިސްލާމްވީ ދުވަސް)
No comments:
Post a Comment