ކޮވިޑް 19 އާއި ދިވެހިން
މިއީ ކޮވިޑް 19 ދިވެހިންނާއި ކުރިމަތި ވެގެން ދިޔުމުން ދެން ވެގެންދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ✍️ ކަމުދާނެކަމަށް އުންމީދު ކުރަން 🙂
އެއީ މާރޗް 7 ވި ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. އެންމެންގެ ލޯތައް ހުއްޓިގެން ދިޔައީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމަށެވެ. އެރޭ އިއުލާންކުރެވިވެންދިޔައި ދިވެހިރާއްޖޭގެ ރިސޯޓެއްގައި ތިބި 2 ފަތުރުވެރިން ކޮވިޑް 19 އަށް ފައްސިވި ޚަބަރެވެ. މި ޚަބަރާއެކު އިސާހިތަކު ފުރަމާލެ ހަލަބޮލިކަމެއްގެ ތެރެއަށް ހިނގައްޖެއެވެ. މީހުން މާސްކާއި ސެނިޓައިޒަރ އަދި ބޭނުންވާ ކާބޯތަކެތި ގަތުމަށް އަވަސްވެގަތެވެ. އަދި ބައެއް ފިހާރަތަކުން އެއްޗެހި ހުސްވެގެން ދިޔައެވެ.
ދިވެހިންނަށް އެންމެ ފުރަތަމަވެސް ކޮވިޑް 19 ސިފަވެގެން ދިޔައީ ކުރީގައި ދިވެހިރާއްޖޭގައި އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރުނު ކޮލެރާ ، ޝިގެއްލާ ، ޖުޒާމު ބަލި ފަދަ ބަލިއެއްގެ ގޮތުގައެވެ. ސަބަބަކީ މި ބަލި އެންމެ ފުރަތަަމަ ފެތުރުނު ޗައިނާގެ ވޫހާންގައި މި ވައިރަހުގެ ސަބަބުން އެތައް ބަޔަކު ދުނިޔެ ދޫކޮށް ގޮސް ، މި ބަލީގެ ޝިކާރައަކަށްވެ ހާލުދެރަވެގެންދާ މަންޒަރުތަކުގެ ސަބަބުންނެވެ.
ދެން ފެނިގެން ދިޔައީ ބޭރު ގައުމުތަކުން އައި ބައެއް ދިވެހިންނަށް މި ބައްޔަށް ފައްސިވި މަންޒަރެވެ. މިއާއެކު ފިޔަވަޅުތައް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރިއެވެ. އަދި ބޭރުގައުމުކުން އަންނަ މީހުން 14 ދުވަސް ކަރަންޓީން ފުރިހަމަކުރަންޖެހޭ ގޮތަށް އުސޫލު އެކުލަވައިލެވުނެވެ. ދެން ފެންނަމުން ދިޔަ މަންޒަރުތައް ފެނިގެން ދިޔައީ ޝޯސަލް މީޑިއާއިންނެވެ. ޅެންވެރީންގެ ޝުޢޫރުތަކާއި ، ސިއްހީ ހިދުމަތްތެރިންނަށާއި، މިކަމުގައި ޝާމިލުވާ ފުރަތަަމަ ސަފުގެ ހިދުމަތްތެރިންނަށް ޝުކުރުގެ ޖިޒީތައް ލަވައިގެ ސިފައިގައްޔާއި ، މަދަހަތަކުން އިވިގެން ދިޔައެވެ.
މާކަ ގިނަދުވަހެއްނުވެ ވެރިރަށް ފުރަމާލެއަށް މި ވައިރަސް އަތުވެއްޖެ އެވެ. މާލެއިން މީހަކު މި ބައްޔަށް ފައްސިވުމާއި ގުޅިގެން ގްރޭޓަރ މާލެ އޭރިޔާ ފުރަބަންދު ކުރެވުނެވެ. އެދުވަހު އެންމެ ބޮޑަށް ފާހާނގަވެގެންދިޔަ ކަމަކީ، އޮއްސެމުން ދިޔަ އިރާއި އެކު ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅެވެ. އެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ހިތުގައިވާ އުދާސްތައް ބަންޑުން ކުރައްވާފަ އެވެ. އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ކީރިތި ކުރައްވަމުންނެވެ. އާދެހެވެ ! ރައީސްގެ މި ވާހަކަފުޅުން އެތައް ބައެއްގެ ހިތްތަކާއި ކުޅެލައިފިކަން ޔަގީނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ފައްސިވާ އަދަދު ދިޔައީ އިތުރުވަމުންނެވެ. 1000 ގާތްކުރާ އަދަދަކަށް ކޭސްތައް އިތުރުވެފައި ވަނިކޮށް އިވިގެންދިޔަ ހިތާމާވެރި ޚަބަރަކީ ކޮވިޑް ބަލީގައި މީހަކު ނިޔާވި ޚަބަރެވެ. މި ޚަބަރު ވެގެންދިޔައީ ވަރަށްވެސް ހިތާމާވެރި ޚަބަރަކަށެވެ. މި ބީދައިން ގޮސް މިއަދު ނިޔާވި މީހުންގެ އަދަދު 32 ކަށް އަރައިފި އެވެ. އެތައް ދުވަސްތަކެއް ފާއިތުވެ ހިނގައްޖެއެވެ. ތަފާތުވެގެންދިޔަ ކަމަކީ ދިވެހިން ކޮވިޑް 19 އާއި މެދު ދެކޭ ގޮތެވެ. އެންމެ ފުރަތަަމަ މަރުބައްޔެއްގެ ގޮތުގައި ދެކެވުނު ކޮވިޑް 19 ދިވެހިންގެ ކުރިމަތީގައި ވެގެންދިޔައީ އާދައިގެ ރޯގާއަކަށެވެ.
ދިވެހިރާއްޖޭގައި މި ބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފަރާތްތަކަށް ކަަމަށްވާ ޑަކުޓަރުންނާއި، ނަރުހުން އަދި ސިއްހި ޚިދުމަތްތެރިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރަމެވެ. ތިޔަ ދައްކަވާ ހިތްވަރާއި ކެތްތެރިކަމަކި ގައުމުގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ޚިދުމަތެއްކަން ޔަގީނެވެ. ތިޔަ ބޭފުޅުން ކުރައްވާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާ ކާމިޔާބު ދެއްވާށި . އަދި މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވާ ، މި ބަލީގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމިން.
- ~ނިމުނީ~